ބިލެތްފަހީގައި ހަރުގެއަކާއި ކަރަންޓު ފޮށިތަކެއްގައި ރޯކޮށް، މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ށ. ބިލެތްފަހީގައި ހޮނހިރު ދުވަހުގެ ރޭ ހަރުގެއެއްގައި ރޯކޮށް ދޯންޏަކާ އެކު އަންދާލާފައި ވަނިކޮށް ހަމަ އެ ރެ އާއި ރޭ ވެސް ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތަކެއްގައި ރޯކޮށްލައި މުޅި ރަށުން ރޭ ދަންވަރުން ފެށިގެން މިއަދު އިރުއޮއްސުމާ ހަމައަށް ކަރަންޓު ކެނޑިއްޖެ އެވެ.
ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލުމާ ގުޅިގެން ރޭ 15: 2 ހާއިރު މުޅި ރަށުން ކަރަންޓު ކަނޑައިގެން ދިޔަ ގޮތަށް ކަރަންޓު އަލުން ލިބުނީ މިއަދު 30: 5 ހާއިރު ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ވެސް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލުމާ ގުޅިގެން ބައެއް ގޭގެ އިން ކަރަންޓު ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލެތްފަހީގެ އެކި ތަންތަނުގައި ރޯކުރަމުން ގެންދާތީ ފުލުހުންގެ ޓީމްތައް އެކި ފަހަރު މަތިން އެ ރަށަށް ގޮސް މިހާރު 15 ވަރަކަށް ފުލުހުން ވެގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ބިލެތްފަހި ޒުވާނުންގެ ޖަމްއިއްޔާ އިން އެ ރަށުގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތަށް ބޭނުންކުރާ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޯކޮށްލުމާ ގުޅިގެން، ކޭބަލްތަކަށާ އެކު، ލިބުނު ގެއްލުމުގެ އަގު 20،000- 30،000ރ. އަރާނެ ކަމަށް ބެލެވެ އެވެ.
"ކުރީ ރޭ ވެސް، ރޭ ވެސް އަޅުގަނޑުމެން ޕޮލިހުން ގޮވައިގެން ގޮސް ބެލި އިރު ޑިސްޓްރިބިއުޝަން ދެ ފޮށީގައި ވެސް ރޯކޮށްލާފައި ހުރީ އެ ތެރެއަށް ބޮނބި އަޅާފައި، ތެލުން ފޯކޮށްފައި އޮތް ފޮތިގަނޑެއް ބޭނުންކޮށްގެން،" އޭނާ ވިދާޅުވި އެވެ. ހޮނިހިރު ދުވަހުގެ ރޭ ކަރަންޓު ފޮއްޓެއްގައި ރޯކޮށްލީ ހަރުގޭގައި ރޯކޮށްލުމާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ތިއްބަ އެވެ.
"ރޭ ނޫން ކުރީ ރޭ 04: 11 ހާއިރު މި ރަށު އުތުރުފަރާތުގައި ހުރި ހަރުގެއެއްގައި ރޯކޮށްލީ. ހަރުގެ 15 ވަރަކަށް ފޫޓުގެ ދޯންޏަކާ އެކު އަނދާ ހުލިވެފައި ވަނީ. އަދި ޖެހިގެން ހުރި ހަރުގޭގައި ވެސް އަލިފާން ހިފައި ގެއްލުންތަކެއް ލިބުނު،" ޒިޔާދު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެން ރައްޔިތުން ނެރެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްގެން، ފަހުން ފުލުހުން ވެސް އައިސްގެން އެއްކޮށް ނިއްވާލާފައި ދަންވަރު 30: 3 ހާއިރު އޮފީހަށް ދިޔަ ތަނާ ހަބަރު ލިބުނީ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލާފައި ހުރި ވާހަކަ. އަނެއްކާ ރޭ ވެސް އެހެން ފޮއްޓެއްގައި ވަނީ ރޯކޮށްލާފައި."
ޑީއާރުޕީން ކޮންޓްރޯލް ކުރާ ކައުންސިލްގައި އެ ޕާޓީ ތަމްސީލް ކުރައްވާ ޒިޔާދު ޝައްކުކުރައްވާ ގޮތުގައި މިއީ ސިޔާސީ މައްސަލައެކެވެ.
"އަޅުގަނޑަށް ބޮޑަށް ބެލެވެނީ ކަރަންޓުގެ ހިދުމަތް ދޭ މި ރަށުގެ ޖަމްއިއްޔާގައި ގިނައިން ޑީއާރުޕީ މެމްބަރުން ހިމެނޭތީ، ޖަމްއިއްޔާ އަށް ގެއްލުން ދޭން ވެގެން ބަޔަކު ކުރި ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ބިލެތްފަހީގެ އެކި ތަންތަނުގައި ރޯކޮށްލާފައި ވަނީ ކީއްވެގެން ކަމެއް އަދި އެކަން ކުރީ ކޮން ބައެއް ކަމެއް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
"ބޮޑަށް ބެލެވެނީ ގަސްދުގައި ރޯކޮށްލާފައިވާ ހާދިސާތަކެއް ކަމަށް،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ. "މިކަމާ ގުޅިގެން، އެ އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުން ގެންދަނީ ފިޔަވަޅުތަކެއް އަޅައި ތަހުގީގު ކުރަމުން. ސީދާ ކަނޑައެޅިގެން ކޮން ކަމަކާ ގުޅިގެން ކަން ބުނަން އަޅުގަނޑުމެންނަށް މި ވަގުތު ދަތި. ކުރިން ވެސް އެ ރަށުގައި މިފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވޭ."
ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ރެ އިން ފެށިގެން މިއަދުގެ ހުރިހާ ވަގުތެއްގައި ކަރަންޓު ކެނޑިފައި އޮތުމުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
"ފިހާރަތަކުގައި ހުރި ކުކުޅު ކަހަލަ އެއްޗެހި ހުރީ ހަލާކުވެފައި. ކައުންސިލް އޮފީހުގެ މަސައްކަތެއް ނުކުރެވޭ. ސިއްހީ މަރުކަޒުގައި ވެސް ބޮޑެތި ދަތިތައް ދިމާވި. އަޅުގަނޑުމެން ހެނދުނު 00: 8 ހާއިރު އޮފީހަށް އައިސް ހުޅުވާފައި ޖަމްއިއްޔާއާ ވާހަކަ ދައްކައިގެން ކަރަންޓް ދޭން މަސައްކަތްކުރީ. ވަގުތީ ގޮތުން ނަރެއް އަޅައިގެން ކަރަންޓު މިހާރު އެ ދެނީ،" ޒިޔާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ