އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ރީކޯ މޫސަ ވެސް ކުރިމަތިލައްވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކު ވެސް ކުރިމަތިލައްވައިފި އެވެ.
ރީކޯ މޫސަ މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ޕާޓީ ތެރޭގައި ބާއްވާ އިންތިހާބު ނުވަތަ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރުމަށްޓަކައި ބޭނުންވާނެ ހުރިހާ ލިޔުންތައް އިއްޔެ އެމްޑީޕީއަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ.
"މީގެ ކުރިން ވެސް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އަޅުގަނޑު ވާދަކޮށްފައިވާނެ. އެހެން ނަމަވެސް ޕާޓީގެ މަސްލަހަތަށްޓަކައި އޭރު އެހާ ބޮޑަށް ކާމިޔާބުކުރުމަށް މަސައްކަތެއް ނުކުރަން. އެކަމަކު ރާއްޖޭގެ ވެރިކަން ކުރުމަކީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް. އެހެންވެ އެހެން ފަަހަރުތަކާ ހިލާފަށް ކާމިޔާބު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. ރާއްޖޭގެ ވެރިކަން ކުރުމަށް އަޅުގަނޑު ޝައުގުވެރިވަނީ އެކަނި އެކަން ކޮށްލާކަށް ނޫން. ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ތަނަވަސްކަން ހޯދައިދެވޭނެ ކަންތައްތަކެއް ކުރަން އަޅުގަނޑު ބޭނުންވަނީ،" އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރައީސްގެ އިންތިހާބުގައި ވެސް ވާދަކުރެއްވި ކުރީގެ ފިލްމީ ތަރި ރީކޯ މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ނަންތައް ޕާޓީން އިއުލާންކުރުމާއެކު މެނިފެސްޓޯ އިއުލާންކުރައްވާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށާއި ޓޫރިޒަމްގެ އިތުރުން އެހެން ވިޔަފާރިތައް ރާއްޖެއަށް ގެނައުމަށް ކަމަށެވެ.
"ވިޔަފާރީގެ ދާއިރާގައި އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް ދޭނަން މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ހޯދައިދޭން. މިހާރު ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީއަށް ބުރަވެ ތިބުމުން އެތައް ތަޖުރިބާއެއް މިދަނީ ކުރަމުން. އެހެންވެ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަކީ އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު،" ރީކޯ މޫސަ ވިދާޅުވި އެވެ.
އޭނާގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުމަށް ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް މިހާތަނަށް ވިދާޅުވެފައި ވަނީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުމަށް ޕާޓީގެ ރިޔާސީ ޕްރައިމަރީސްއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ހުޅުވައިފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހު އެވެ. އަންނަ އޭޕްރީލް 25 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްއަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. ރިޔާސީ ޕްރައިމަރީސްގެ އިންތިހާބާއެކު އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމުގެ އިންތިހާބު ވެސް ބާއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ