ހދ. ކުޅުދުއްފުށިން: އަހްމަދު އަބްދުﷲ ސައީދު
"އަޅުގަނޑުމެންނަށް މި ހުރިހާ ދުވަހު ވެސް މައުމޫން މި ފެންނަނީ އަޅުގަނޑުމެންގެ މި އާދައިގެ ރައްޔިތުންނަށް ވުރެ، ޝަރަފުވެރި އަދި ގަދަރުވެރި ބޭފުޅެއްގެ ގޮތުގައި. މިހާރު އެ މަނިކުފާނުގެ އަތްޕުޅުގައި އޮތް ހަމައެކަނި އެއްޗަކީ، ރައްޔިތުންގެ ހިތުގައި އެ މަނިކުފާނާ މެދު އޮތް މަތިވެރި ދަރަޖަ. އޭތި ގެއްލުވާލައިފިއްޔާ، ދެން އެކައްޗެއް ވެސް ނޯންނާނެ."
މިއީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ދާދި ފަހުން އެޗްއެފްއެމްގެ ޕްރޮގްރާމެއް ނިންމަވާލެއްވުމަށް ފަހު، އަޅުގަނޑާ އެކު ދެއްކެވި ވާހަކައިގައި ވިދާޅުވި ތަންކޮޅެކެވެ. އޭނާ އެ މޭރުމުން ވާހަކަދެއްކެވީ، ދާދި ފަހުން ޒައީމް މައުމޫން ހާމަކުރެއްވި "ދޮގުވެރިން"ގެ ލިސްޓަށް އިޝާރާތްކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، "މި ހުރިހާ އެންމެން މައުމޫނަށް ހަޑި ހުތުރު ގޮވައި އިސްތިއުފާ އަށް ގޮވައި ބަދުނާމުތައް އަޅުވަމުންދާ އިރު ވެސް، މައުމޫން ރައްދުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވުމުން، ރައްޔިތުންގެ ހިތްތަކުގައި މައުމޫނަށް ދެވިފައިވަނީ ވަރަށް މަތިވެރި ގަދަރެއް" ކަމުގަ އެވެ.
އެއީ ތެދު ވާހަކައަކަށް ވެދާނެ އެވެ. ޕާޓީތައް އުފެދިގެން އައި ދުވަސްވަރު ޒައީމް މައުމޫނަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން މީޑިއާގެ ހުރިހާ ވަސީލަތެއްގައި ތަފާތު ހުތުރު ވާހަކަތަކާއި ކާޓޫނުތަކާއި ޅެން ފަދަ ތަކެތި ޝާއިއުކުރި އެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އިމާދުއްދީން ސްކޫލްގައި އޮތް ޑީއާރްޕީގެ ބައްދަލުވުމެއްގައި އެ ކަންތައްތަކާ ބެހޭ ގޮތުން، ޒައީމް މައުމޫން ވިދާޅުވީ، އެ (އިދިކޮޅު) މީހުން ދައްކަނީ ކޮން ވާހަކަތަކެއްތޯ ބަލަން ބޭނުންފުޅު ނުވާ ކަމަށާއި ވެބްސައިޓްތައް ވެސް ނުބައްލައްވާ ކަމަށެވެ.
ނަމަވެސް ރިއާސީ އިންތިޚާބު ބޯމަތިވެ ސިޔާސީ މައިދާނަށް ފަހުލަވާނުންތައް ނުކުންނަމުން ދާއިރު މައުމޫންގެ އެ ސިޔާސަތު ވެސް ޒަމާނާއި ހާލަތާ އެކަށޭނަ ގޮތަކަށް މިހާރު ބަދަލުކުރެއްވީ ކަމަށް ވެދާނެ އެވެ. މި މަހުގެ އަށް ވަނަ ދުވަހު ރަނިންމޭޓް އިއުލާންކުރެއްވުމަށް ފަހު، ފެއްޓެވި ރިއާސީ ކެމްޕޭންގެ ކޮންމެ އެއްވުމެއްގައިހެން އިދިކޮޅު ފަރާތްތަކަށް ބަހުގެ ތަފާތު ހަމަލާތައް ދެއްވަމުން ގެންދަވަ އެވެ.
މިދިޔަ ހަފުތާގައި ހުވަދު އަތޮޅުގެ ހަ ރަށަކަށާއި މި ހަފުތާގައި ހއ، ހދ.ގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް އިދިކޮޅު ފަރާތްތަކަށް ބަހުގެ ވަރަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދެއްވައިފަ އެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުވެފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ގދ. ތިނަދު އަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އިދިކޮޅު ފަރާތްތަކަށް ނިސްބަތްކުރައްވައި ވިދާޅުވީ، މި ފަހަރު އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ހިތްޕުޅުގައި އިސްލާހީ ކަންތައްތަކަށް މާބޮޑު ތާއީދެއް ނެތް ކަމަށެވެ. އަދި ބައެއް ޕާޓީތަކުގެ ވެރިން އެ ބޭފުޅުންގެ ޒިންމާތައް އަދާކުރެއްވުމުގައި ގެންގުޅުއްވާ ޚުދުމުޚުތާރު ގޮތްތަކުގެ ސަބަބުން އެބޭފުޅުންނާ ދީމުގްރާތީ އުސޫލުތަކާ ދޭތެރޭގައި ވަރަށް ފުން ވަޅުގަނޑެއް އެބަ އޮތްކަން އެނގޭ ކަމަށެވެ.
އޭގެ ފަހުން ހއ. ދިއްދު އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ވެސް ޒައީމް މައުމޫން، އެމްޑީޕީއަށާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
އަދާލަތު ޕާޓީ އަށް ނިސްބަތްކުރައްވައި މައުމޫން ވިދާޅުވީ، އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި އުފެދިފައިވާ ޕާޓީ ވެސް މިހާރު ފައިސާ އަށް ވިކިފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ހަގީގަތް ވެސް މިހާރު މީހުންނަށް އެނގިފައިވާ ކަމަށާއި އެ ޕާޓީގެ އިސް ލީޑަރުން އިސްލާމް ދީނާ ޚިލާފު ޙުކުމްތައް އުފައްދަމުން ދާ ކަމަށެވެ.
ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް އިން "ޖުމްހޫރީ ގުޅުން"ގެ ނަމުގައި އުފެއްދި ގުޅުމަށް ހަމަލާ ދެއްވަމުން ޒައީމް މައުމޫން އެ ގުޅުން ސިފަކުރެއްވީ އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަށް ވިކިގެން ދިއުން ކަމުގަ އެވެ. މައުމޫން ވިދާޅުވީ ޕާޓީތަކެއް ގުޅުނު ވާހަކައަކީ ތެދެއް ކަމަށާއި ނަމަވެސް އެ ޕާޓީތަކުގައި އެއްވެސް އުރަތްޕެއް ނެތް ކަމަށެވެ.
"މީގަ އަޅުގަނޑު އެންމެ ދެރަވާ ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި، އިސްލާމް ދީން ކުރިއަރުވަން، އިސްލާމް ދީން ހިމާޔަތްކުރަން، އިސްލާމް ދީން ދިފާއުކުރަން، މި ނަމުގައި އުފެދުނު ޕާޓީ ފައިސާ އަށް ވިކިގެން ދިޔަކަން. އަޅުގަނޑުގެ ބިމެއް ވިއްކަފާނަން، އަޅުގަނޑުގެ ގެއެއް ވިއްކަފާނަން، އަޅުގަނޑުގެ ކާރެއް ވިއްކަފާނަން. އެކަމަކު އަޅުގަނޑުގެ ދީން އަޅުގަނޑަށް ފައިސާ އަށް ވިއްކޭނެތޯ؟ އެކަމެއް ނުވާނެ އެއީ ވަރަށް ބޮޑު ޙަރާމް ކަމެއް، ގޯހެއް."
ޒައީމް މައުމޫން ވިދާޅުވީ، މިހާރަކަށް އައިސް އެ މީހުން (އަދާލަތު ޕާޓީ) ދީނީ ހުކުމްތައް ވެސް އީޖާދުކޮށްފައިވާ ކަމަށާއި އެއީ ކުރީ ޒަމާނުގެ ދީނީ އިލްމުވެރިން ވެސް ދެނެވަޑައިނުގަންނަވާ ހުކުމްތަކެއް ކަމަށެވެ.
"އެ މީހުން މި ބުނަނީ މައުމޫންގެ ސަރުކާރު ވައްޓާލުމަކީ ކިފާޔަތުގެ ފަރުޟެކޭ. މިއީ ކޮން ފިޤްހު ފޮތެއްގައި އޮތް ވާހަކައެއްތޯ؟ އަޅުގަނޑު ބޭނުން އެ ފޮތުގެ ނަން. އަދި އެ ހުކުމަކީ މާތްވެގެންވާ ޤުރްއާނުގައި ނުވަތަ ސުންނަތުގައި ނުވަތަ އިލްމުވެރިންގެ އިޖްމާއުގައި ނުވަތަ ގިޔާސްގައި އޮތް ހުކުމެއްތޯ؟" އެ މަނިކުފާނު ސުވާލުކުރެއްވި އެވެ. އަދި މި ފަދަ ވާހަކަ ދެއްކުމުން މީހުންގެ ކުރިމަތީގައި ވެއްޓިގެން ދާނީ އެ މީހުންގެ އަގު ކަމަށާއި އެ މީހުންނަކީ ދީން ރަނގަޅަށް ނޭނގޭ ބައެއް ކަން ވެސް އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ ތިޔަ ބޭފުޅުންގެ ގެދޮރު ވިއްކަވާށޭ ފައިސާ އަށް. ތިޔަ ބޭފުޅުންގެ ރިސޯޓްތައް ވިއްކަވާށޭ ފައިސާ އަށް. ތިޔަ ބޭފުޅުންގެ ފިހާރަތައް ވިއްކަވާށޭ ފައިސާ އަށް. އެކަމަކު ތިޔަ ބޭފުޅުންގެ ދީން ފައިސާ އަށް ނުވިއްކަވައްޗޭ."
ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ވެސް ޑީއާރްޕީގެ ޒައީމް މައުމޫން، އަދާލަތު ޕާޓީއަށާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވައި ފާޑު ވިދާޅުވި އެވެ. ވާހަކައެއް ދައްކާނަމަ ދައްކަވަން ވާނީ ކީރިތި ރަސޫލާ އަންގަވާފައިވާ ފަދައިން ހެޔޮ ބަހެއް ކަމަށާއި ނަމަވެސް އެ ބޭފުޅުން ދައްކަވަނީ މީހުންނަށް މަގު އޮޅޭ ފަދަ ވާހަކަތައް ކަމަށް މައުމޫން ވިދާޅުވި އެވެ.
"މިވެނި ކަމަކީ ކިފާޔަތުގެ ފަރުޟެކޭ ވިދާޅުވަނީ. އެއީ ކޮން ކިފާޔަތުގެ ފަރުޟެއްތޯ؟ ކޮން ފޮތެއްގައި އޮތް ވާހަކައެއްތޯ އެ ވިދާޅުވަނީ؟ މިފަދަ އެއްވެސް އަސްލެއް ނެތް ވާހަކަ އެ ވިދާޅުވަނީ ހަމަ، ހަވާނަފްސަށްޓަކައި. ދުނިޔޭގެ ކޮންމެވެސް، ކުރިއެރުމެއް ކޮންމެވެސް ފައިދާއެއް ހޯއްދެވުމުގެ ބޭނުމުގައި. ހެޔޮ ނުވާނެ މިފަދަ ކަންތައް ކުރަން. މި ހުންނަނީ ބޮޑެތި ފާފަ."
ގދ. މަޑަވެލި، ގައްދޫ އަދި ތިނަދުއަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ކެމްޕޭން ދަތުރުފުޅާ ދިމާކޮށް ވެސް އެ ރަށްރަށުގެ އެމްޑީޕީ މެންބަރުން ވަނީ މައުމޫންގެ އިސްތިއުފާ އަށް ގޮވައި އަޑުގަދަކޮށްފަ އެވެ. އަދި ބައެއް ރަށްރަށުގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި އިރު ވާހަކަ ދެއްކުމަށް ދަތިވާނޭހެން އަޑުގަދަކުރާ ބޭނުންކޮށް އިސްތިއުފާ އަށް ގޮވައި ހަދާފައިވެ އެވެ.
މި އަމަލުތަކަށް ރައްދު ދެއްވަމުން ޒައީމް މައުމޫން ވިދާޅުވީ، އެއީ ޑިމޮކްރެސީގެ ހަމައެއް ނޫން ކަމަށެވެ. އެ މީހުންނަށް ވެސް އެ މީހުން ބޭނުންވާ ވާހަކައެއް ބުނުމުގެ އިޚްތިޔާރު އޮންނަ ކަމަށާއި އެކަމާ ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް ޑިމޮކްރެސީގެ ހަމައަކީ އެކަކު ދައްކާ ވާހަކަ އަނެކަކު އަޑު އެހުންކަމަށާއި އަނެކަކަށް އިހްތިރާމްކުރުން ކަމަށެވެ.
"އެހެން ވީމާ އަޅުގަނޑު ދައްކާ ވާހަކަ އެ މީހުން އަޑުއަހަންޖެހޭނެ. އެ މީހުން އަޅުގަނޑު ދައްކާ ވާހަކަ އަށް ހުރަސްއަޅައި އަޑުގަދަކޮށް މިހެން ހެދުމަކީ މިއީ ޑިމޮކްރެސީގެ އުސޫލާ މުޅިން ޚިލާފު ކަމެއް."
އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ދެއްވަމުން ދިއްދޫގައި ޒައީމް މައުމޫން ވިދާޅުވީ ޕާޓީތަކުގެ ނަމުގައި ޑިމޮކްރެސީ ހިމަނައިގެން އުޅޭ ޕާޓީތަކަކީ އަދި، ދަސްކުރާ ބޯޑު އަޅުވައިގެން އުޅޭ ބައެއް ކަމަށެވެ.
"ފުރަތަމަ ޑިމޮކްރެސީއަކީ ކޮން އެއްޗެއްކަން ދަސްކުރަން އެބަޖެހޭ. އޭގެ ފަހުން ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެ މީހުންނަށް އޮންނާނީ. އެހެން ވީމާ އަޅުގަނޑު އިލްތިމާސްކުރަނީ އެ ގޮތަށް ޑިމޮކްރެސީގެ ނަމުގައި ޕާޓީތަކަށް ނަން ކިޔައިގެން މި އުޅޭ މީހުން، ފުރަތަމަ ޑިިމޮކްރެސީއަކީ ކޮން އެއްޗެއް ކަން ރަނގަޅަށް ދަސްކުރަން. އަދި ދަސްކުރާ ޖަހައިގެން އެ އުޅެނީ. އުޅޭ އިރު ބޮޑެތި އެކްސިޑެންޓްތައް އެ މީހުންގެ ފަރާތުން ވަނީ."
މައުމޫންގެ ރިއާސީ ކެމްޕޭންގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އެ މަނިކުފާނާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާ މުއާމަލާތުކުރައްވާ ގޮތެވެ. ނަމަވެސް އެއީ އިދިކޮޅު ފަރާތްތައް އިތުރަށް ލޭ ހޫނުވާ ކަމެއް ކަމުގައި ފާހަގަކުރެވުނެވެ.
"މި ވަރަށް އިސްތިއުފާ އަށް ގޮވާ އިރު ވެސް އެބަ އަހަރެމެންނަށް ޓާޓާ ކިޔައެއްނު. ކަލޭ ދޭ ކަލޭގެ ----ނަށް އަތް ހޫރުވަން،" ރައީސް މައުމޫން ޑީއާރްޕީގެ ޒައީމް ހައިސިއްޔަތުން ގދ. ތިނަދު އަރާވަޑައިގެންނެވި އިރު ބަނދަރުމަތީ ތިބެ އެ މަނިކުފާނުގެ އިސްތިއުފާ އަށް ގޮވަން ހުރި ޒުވާން ފުރައިގެ މީހަކު ރުޅި ގަދަވެފައި ބުންޏެވެ.
ނަމަވެސް ޒައީމް މައުމޫން އެ އަތޮޅު ގައްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއީ ވެސް ދިވެހި ރައްޔިތުން ކަމަށާއި ތިމަން މަނިކުފާނަކީ ގައުމުގެ ރައީސް ކަމަށް ވީތީ އެ މީހުންނާ ވެސް ސަލާމްކޮށްލެއްވުމުގެ ގޮތުން އަތްޕުޅުން އިޝާރާތްކޮށްލައްވަނީ ކަމަށެވެ.
މައުމޫން އެ ނިޔަތުގައި ކަންކުރެއްވި ނަމަވެސް އިދިކޮޅު މީހުން އެކަން އެ ގޮތަށް ބަލައިގަނޭ ބާވަ އެވެ. ހއ. ދިއްދޫގައި މައުމޫންގެ އިސްތިއުފާ އަށް ގޮވަން ހުރި ޒުވާނަކު ބުނީ، "އެއީ ހަމަ ގަސްދުގައި އަހަރެމެން ރުޅިއަރުވަން ކުރާ ކަމެއް" ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: މައުމޫންގެ ރިއާސީ ކެމްޕޭންގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ