ކެންޑިޑޭޓުންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި

އަންނަ މަހު 5ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި 18 ކެންޑިޑޭޓެއްގެ ކިބައިގައި، ލޯކަލް އިންތިހާބުގެ ގާނޫނީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނާނެ ކަން އެ ކޯޓުން އެންގުމާ ގުޅިގެން އެ މައްސަލައާއިގެން ކުރިއަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ ދީދީ މިއަދު ވިދާޅުވީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ފޮނުވި މައްސަލަ އެ ކޯޓަށް ބަލައިގަންނަ ކަން އެންގުމާ ގުޅިގެން އެ މައްސަލަތައް ކޯޓަށް ވެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން ނިންމާފައިވަނީ ކޯޓު އަމުރުގެ ދަށުން ދެ ވަނަ ފަހަރަށް ކެންޑިޑޭސީ ދިން 18 މީހުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ފޮނުވުމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭގެ ތެރެއިން ބައެއް މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
"އެ މައްސަލަތައް ކޯޓަށް ވައްދާ އިރު، އެ ކަމާ ބެހޭ ތަފާތު ލިޔުންތައް ވެސް ހުށަހަޅަންޖެހޭ. މައްސަލަތައް ވެއްދުމަށް އޮންނަ ފޯމް ފުރުމާއި ލިޔުންތައް ހަމަކުރުމުގެ ކަންތައް މި ކުރަނީ. އެ ލިޔުންތައް އެކި ތަންތަނުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އެ ލިޔުންތައް ލިބެމުންދާ ވަރަކަށް މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅަމުންދާނީ،" އަހްމަދު އަލީ ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ފޮނުވާނީ އެ 18 މީހުންގެ ތެރެއިން ކެންޑިޑޭޓުންގެ ގުރުއަތު ނެގުމުގެ ކުރިން ކެންޑިޑޭސީ ބާތިލުކުރި މީހުންގެ މައްސަލަތަކެވެ. އަދި އޭގެ ފަހުގައި ގުރުއަތުގެ ފަހުން ކެންޑިޑޭސީ ބާތިލުކުރި މީހުން މައްސަލަތައް ވެސް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަހްމަދު އަލީ ދީދީ ވިދާޅުވީ ކެންޑިޑޭސީ ދިނުމާ މެދު ގާނޫނީ މައްސަލަތައް ކުރިމަތިވެފައިވާ އެ 18 މީހުންގެ ނަންތައް ވޯޓު ކަރުދާހުގައި ޖެހުމާ މެދު އިލެކްޝަންސް ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެކަން މުޅިން ނިންމޭނީ، ސުޕްރީމް ކޯޓުން އެ މައްސަލަތަކާ މެދު ގޮތެއް ނިންމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަންގެ ޑިރެކްޓަ ލީގަލް ސާވިސް ހުސައިން އާމިރު މިއަދު ވިދާޅުވި ގޮތުގައި، ޝަރުތު ހަމަނުވާތީ ކެންޑިޑޭސީ ބާތިލުކުރި 18 މީހުންނަކީ ވެސް ތަފާތު ޖިނާއީ މައްސަލަތަކުގައި ހުކުމްކޮށްފައިވުމުގެ ސަބަބުން ޝަރުތު ހަމަނުވާ ކަމަށް ކޮމްޕެލެއިންޓްސް ބިއުރޯ އިން ނިންމާފައިވާ މީހުންނެވެ. ނަމަވެސް މިހާރު ވެސް އިތުރު ކެންޑިޑޭޓުންނާ ބެހޭ ގޮތުން ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ފަހު، އެ ކެންޑިޑޭޓުންނާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ