ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އަގު އުފުލެމުން ދިއުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެ މައްސަލައާ ސަރުކާރުގެ މާލީ ސިޔާސަތާ ގުޅުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ގާސިމް އިބުރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކާއި ނޫސްވެރިންނާ އެކު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ މުދަލުގެ އަގު އުފުލެމުން ދަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގައި އެމެރިކާ ޑޮލަރުގެ އަގު ދަށަށް ދިއުމާއި ބޭނުންވާ މިންވަރަށް މުދާ އެތެރެނުކުރެވުމާއި މާލޭގައި ތަންތަނުގެ ކުލި މައްޗަށް ދިއުން ކަމަށެވެ.
"އަގު ބޮޑުވާނެ އެހެން ސަބަބެއް ނެތް. ރާއްޖޭގެ ބޭންކުތަކުން ޑޮލަރު ލިބޭ. ޑޮލަރުގެ ބްލެކް މާކެޓެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު 80 އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ހުރިހާ މުދަލެއްގެ އަގަށް އެކަމުގެ އަސަރުކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ތެޔޮ އަގުބޮޑުވުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ކުރަންޖެހޭ ހަރަދު ބޮޑުވޭ. ފްރައިޓް ބޮޑުވޭ. ފްރައިޓް ބޮޑުވަންޏާ އެއްޗެހީގެ އަގު ބޮޑުވާނެ،" ގާސިމް ވިދާޅުވި އެވެ.
މިއަދު ރާއްޖޭގައި މިއޮތީ މިނިވަން ވިޔަފާރިއެއް ކަމަށާއި ސަރުކާރުން ކުރި ވަކި ކަމެއްގެ ސަބަބުން މުދަލުގެ އަގު ބޮޑުވާ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު )އަންނި( ވިދާޅުވީ "މުދަލުގެ އަގު ބޮޑުވަމުން މިދަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން،" ކަމަށެވެ.
"މާލީ ސިޔާސަތުގެ ސަބަބުން މުދަލުގެ އަގު ބޮޑުވަނީ. އެކަމުން ރެކިވަޑައިނުގަންނަވާ،" އަންނި ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ ކަމަށާއި ނަމަވެސް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުބޮޑުވަމުން ދަނީ އެކަމުގެ ސަބަބުން ނޫން ކަމަށް ވެސް އަންނި ވިދާޅުވި އެވެ. މުދަލުގެ އަގު ބޮޑުވާ އަނެއް ސަބަބަކީ ސަރުކާރުން ކުރާ ބޭކާރު ހަރަދާ އެއްވަރަށް މުދާ ނެތުން މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނި އަށް ޖަވާބު ދެއްވުމުގެ ގޮތުން ގާސިމް ވިދާޅުވީ، "މަނިކުފާނު ތިޔަ ދެއްކެވީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް،" ކަމަށެވެ.
"އެއްގޮތަކަށް ވެސް މިއީ ސިޔާސީ ފޯރަމެއް ނޫން،" ގާސިމް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވިދާޅުވި އެވެ.
ގާސިމް ތަކުރާރުކޮށް އަނެއްކާ ވެސް ވިދާޅުވީ މުދަލުގެ އަގު ބޮޑުވުމާއި މިއަހަރުގެ 12 ބިލިއަން ރުފިޔާގެ ބަޖެޓާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މުދަލުގެ އަގު ބޮޑުވަނީ މާލީ ސިޔާސަތު ދޯދިޔާވެގެން ނޫން ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"ބަޖެޓް ބޮޑުވެގެން އެއްޗެހީގެ އަގު ބޮޑުވި ކަމަށް އަޅުގަނޑު ގަބޫލްކުރަނީ ބޭރު ފައިސާ ގަންގަން ނުލިބިއްޖެ ނަމަ،" ގާސިމް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އައިޑީޕީގެ ސްޕޯކްސް ޕާސަން ޔޫސުފް ޒުހުރީ ވިދާޅުވީ ތަކެތީގެ އަގުބޮޑުވާ އެއް ސަބަބަކީ ކަސްޓަމްސް އިން އިންވޮއިސްގެ އަގު ބަދަލުކުރާތީ ކަމަށެވެ. އަދި އެއް މުދަލެއް އެތެރެކުރާއިރު، ޑިއުޓީ ނެގުމުގައި އެސްޓީއޯ އަށް ވަކި އަގެއް އަދި އަމިއްލަ ވިޔަފާރިވެރިޔާ އަށް ވަކި އަގެއް ކަސްޓަމުން ކަނޑައަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އިބްރާހީމް މުއްތޮލިބު ވިދާޅުވީ މުދަލުގެ އަގުބޮޑުވާ އެއް ސަބަބަކީ ރާއްޖެ އަށް މުދާ އެތެރެކުރުމަށް ބޯޓު ގެންގުޅޭ ކުންފުނިތަކުން އެ ކުންފުނި ނޫން އެހެން ފަރާތްތަކުގެ މުދާ އެރުވުމަށް ފުރުސަތު ނުދޭތީ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނެއް ނެތުމުން އެފަދަ ކަންތައް ހުއްޓުވުމަށް މަސައްކަތްކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.
ރާއްޖޭގައި މުދަލުގެ އަގު އިންތިހާ އަށް ބޮޑުވަމުންދާއިރު އެކަމަށް އަދި ދިރާސާއެއް ކުރެވިފައި ނެތް ކަމަށާއި ނަމަވެސް އެމްއެމްއޭ އިން އެފަދަ ދިރާސާއެއް ކުރައްވަމުން ގެންދަވާކަން އެނގިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއް ކުންފުނިކަމުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޗެއާމަން ކަމުގައި ވެސް ހުންނެވި ގާސިމް ވިދާޅުވީ މިހާރު ފިޔާ އާއި އަލުވި ނުލިބިގެން އުޅޭއިރު މީގެ ކުރިން ބާޒާރުގައި ފިޔަ އާއި ހަލުއި ގިނަވުމުގެ ސަބަބުން ނުވިކި ކުނިވެގެން އުކާލާފައި ވެސް އެބަހުރި ކަމަށެވެ.
"އެ ވާހަކައެއް އެއްވެސް މީހަކު ނުދައްކާ. މިފަދަ ޝޯޓޭޖެއް ވެގެންދާއިރު ވިޔަފާރިވެރިން ބަލާނެ ފައިދާހުރި ގޮތަކަށް އެކަންކުރަން،" ގާސިމް ވިދާޅުވި އެވެ.
މިނިވަން ނިއުސްޑޮޓްކޮމްގެ އިނގިރޭސި ނޫސްވެރިޔާ އަޖޭ މަކާން ދިވެހި ބަހުން ސުވާލު ނުކުރައްވާތީ ސުވާލުކުރުމުގެ ފުރުސަތެއް މިއަދުގެ ބައްދަލުވުމުގައި ގާސިމް ނުދެއްވި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވެފައި ވަނީ، "ސަޕްލައިގެ މައްސަލައެއް ނެތް. ތެލުގެ އަގު ދަނީ ދަށަށް. އެހެންވީމަ ކުއްލިއަކަށް އަގުތައް އުފުލިގެންދާންވީ ސަބަބެއް ނުވިސްނޭ،" ކަމަށެވެ.
މުދަލުގެ އަގު ބޮޑުވުމުގައި ސަރުކާރުގެ މާލީ ސިޔާސަތުގެ މައްސަލައެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ