މާފުށީ ޖަލުން ރައްޔިތުންނަށް: އެނބުރި އަންނާނީ ބަދަހިކޮށް- ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނަވައި ދިވެހި ރައްޔިތުންނަށް ޚާއްޞަ ސިޓީއެއް ފޮނުއްވައިފިއެވެ.
މި ސިޓީ މިރޭ ވަނީ ޗެނަލް13 މެދުވެރިކޮށް ރައީސް ޔާމީންގެ ދަރިކަލުން ޒޭން އިއްވާދީފައެވެ.
ރައީސް ޔާމީންގެ ސިޓީގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ޤައުމަށް ރަންޒަމާނެއް ހޯދައިދެއްވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ނިމުމެއް ނޫންކަމަށާއި، އެއީ ހަމައެކަނިި ކުޑަކުޑަ މަޑުޖެހުމެކެވެ.
މީގެ އިތުރުން އެމަނިކުފާނާއި އެމަނިކުފާނުގެ ފިކުރު އަނބުރާ އަންނާނީ ބަދަހިކޮށް ކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ އުންމީދުގެ މެސެޖެއް ދެއްވިއެވެ.
އަދި ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އެމަނިކުފާނަށް ސަޕޯޓުކުރާ އާންމުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި އެމަނިކުފާނުވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޔާމީނުގެ ސިޓީގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ ސިޔާސީ ވާދަވެރިންނާއި އެ ބޭފުޅުންނަށް ވާގިވެރިވާ ފަރާތްތައް އެމަނިކުފާނުގެ ޤައުމީ ފިކުރުދެކެ ބިރުން ކަމަށެވެ. އަދި އެމަނިކުފާނާއި ޕީޕީއެމް/ޕީއެންސީގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށް ކަމުގައެވެ. އަދި އެ ބޭފުޅުން އަމާންދެއްވަފާނެ ކަމުގެ ފިނޑި ޚިޔާލުގައި ކަމަށެވެ.
އެހެންނަމަވެސް އެމަނިކުފާނަކީ އެފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށާއި، އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްވުރެ އެމަނިކުފާނު އިސްކުރައްވާނީ ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަން ކަމުގައާއި، މި ޤައުމުގެ އިސްތިޤުލާލު ކަމުގައިވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ