އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 20 މީހުން ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ބޮންއަޅާފައިވަނީ، ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއާއި، އަގްސާގެ ހަރިންމަތެރޭގައި އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓާލައި، މިސްކިތް ސަރަހައްދުން ފުލުހުން ދުރަށް ގެންދަން ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން އިސްރާއީލަށް ދިން މުހުލަތު ހަމަވުމުންވެސް އުދުވާނު ހުއްޓާނުލުމުން ހަމާސްއިން އިސްރާއީލުގެ ތެރެއަށް ރޮކެޓްތަކެއް ފޮނުވާލުމުންނެވެ.
ރައްދުގައި އިސްރާއީލުންވަނީ، ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި، އަދި ބޮޑުބަޑީގެ ހަލަތާކެއްވެސް ދީފައެވެ.
ނުވިތާކަށް، އިސްރާއީލުގެ އުދުވާނީ ފުލުހުން މިރޭވެސްވަނީ، މަސްޖިދުލް އަގްސާގައި ދަމުނަމާދުކޮށް ނިމިގެން ފަލަސްތީނު މީހުން މިސްކިތުން ނުކުތްވަގުތު އެމީހުންނަށް ހަމަލާ ދީފައެވެ.
އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަންނަ ލަޔަން ގޭޓުން ނުކުތް މީހުންނަށް އިސްރާއީލު ފުލުހުން ހަމަލާދިނީ، ދުންބޮމާއި، ކަރުނަގޭހުން ކަމަށް އަލްޖަޒީރާ އަރަބިކުން ރިޕޯޓް ކޮށްފައި ވެއެވެ. އެއީ، މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ގުދުސް ނިއުސް ނެޓްވޯކުން ބުނެފައިވަނީ، އިސްރާއީލުގެ އުދުވާނީ ފުލުހުން ދިން ހަމަލާތަކުގައި އެތައްބަޔަކު ޒަޚަމްވި ކަމަށާއި، ޒަޚަމްވި މީހުން އަދިވެސް ތިބީ އަގްސާ މިސްކިތުގެ ތެރޭގައި ތާށިވެފައި ކަމަށެވެ.
އަގްސާ މިސްކިތް ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮވައިގެން އުޅޭކަމުގެ ރިޕޯޓްތައްވެސް މީޑިއާއިން ކުރަމުން އެބަދެއެވެ.
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑު ޓެރަރިސްޓު ނަތަންޔާހޫ މިރޭވެސް ބުނެފައިވަނީ "އިސްރާއީލުގެ ބިމާއި، ވެރިރަށާއި، ރައްޔިތުންނާއި ސިފައިންގެ ހިމާޔަތުގައި" ފުކެއްވެސް ދޫނުދޭނޭ ކަމަށާއި، ވަރުގަދައަށް ބަދަލު ހިފާނޭ ކަމަށެވެ.
ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށާއި، އެކަން އިސްރާއީލުގެ ރަހްމަތްތެރިންނަށް ވަރަށް ސާފުކޮށް ކިޔައިދޭ ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.
އިސްރާއީލުގެ އަނިޔަވެރިކަން ހައްދުފަހަނައަޅައި ދިއުމުން ހުޅަނގު އައްސޭރީގައިވެސް މިހާރުވަނީ މުޒާހަރާތައް ފެށިފައެވެ.
އިސްރާއީލު ހުއްޓުވުމަށް އދއާއި، ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުކުޅެދިފައި ވާއިރު، ހުޅަނގުގެ ބޮޑެތި ބާރުތަކުން މިރޭ އަވަސްވެގަތީ ހަމާސްއިން އިސްރާއީލަށް ރޮކެޓްތަކެއް ފޮނުވާލުމުން އެކަން ކުށްވެރި ކުރުމަށެވެ. އިސްރާއީލުން ހިންގާ ކަތިލުންތައް އެމީހުންނަށް ބޮޑެއް ނުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިރޭ އިސްރާއީލާއި ފަލަސްތީނަށްވެސް ގޮވާލެއްވީ، ކުރިމަތިލުންތައް ހުއްޓާލައި، މަސްރަހް ފިނިކުރުމަށެވެ.
ނަމަވެސް، އެމެރިކާގެ ކޮންގްރެސްގެ މުސްލިމް މެމްބަރެއް ކަމަށްވާ އިލްހާން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލުން ފަލަސްތީނު އާންމު ރައްޔިތުން ޝަހީދުކުރަމުންދާ ދިއުމަކީ ކަނޑައެޅިގެން ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށެވެ.
އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް މައްޗަށް ދިއުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ހޯމަދުވަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށާއި، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަށް ފޯނުން ގުޅުއްވާފައެވެ. އަދި އިސްރާއީލުން ހިންގާ ޓެރަރިޒަމް ހުއްޓުވަން މުޅި ދުނިޔެ އެއްގަލަކަށް އަރުވާނޭ ކަމަށްވެސް އުރުދުޣާން ވައުދުވެވަޑައި ގެންފައި ވެއެވެ.
އަދި ތުރުކީގެ ފުރިހަމަ ތާއީދު ފަލަސްތީނާ އެކުގައި އޮތްކަންވެސް ހާމަކުރެއްވިއެވެ.
ޣައްޒާގެ 20 މީހުން ޝަހީދު، ހުޅަނގަށް ބޮޑުވީ ހަމާސްއިން ރޮކެޓް ފޮނުވި މައްސަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ