ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީން، އައިސޮލޭޝަންގައި ތިބި މީހުން މި މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާނީ އެހެން އެންމެން ވޯޓުލައި ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ، ކޮވިޑާ ގުޅިގެން ކަރަންޓީނުގައި ތިބި މީހުންނާއި ޕޮޒިޓިވްވެފައިވާ މީހުންނަށް ވެސް ވޯޓުލުމުގެ ހައްގު ގެއްލުވައި ނުލާނެ ކަމަށާއި އެ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ އުސޫލެއް ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އާންމުކޮށް އިންތިޚާބުތަކުގައި ވޯޓުލާ ގަޑިއަކީ ހެނދުނު 7:00 އިން ހަވީރު 5:00 އަށް ކަމަށާއި ކޮވިޑް ޖެހިފައި ތިބި މީހުން ވޯޓުލާން މި ފަހަރު ގެންދާނީ އެ ބަލި ނުޖެހޭ އެންމެން ވޯޓުލައި ނިމުމުން ކަމަށް ހަސަން ވިދާޅުވި އެވެ.
"ޕޮޒިޓިވްވެފައި ތިބި ފަރާތްތަކުންނާއި އައިސޮލޭޝަންގައި ތިބި ފަރާތްތަކުން ވޯޓުލާން ގެންނާނީ ހަވީރު 5:00 އިން 6:00 އަކާ ދޭތެރޭ،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވިގޮތުގައި، އެ މީހުން ވޯޓުލާ މަރުކަޒުތަކަށް ގެންދާނީ އީސީންނެއް ނޫނެވެ. ރަށްރަށުގައި ނަމަ އެކަން ކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އާއި ކައުންސިލްތަކާ ގުޅިގެން އެކުލަވައިލާފައިވާ ޓާސްކް ފޯސްތައް ކަމަށާއި ކޮމިޝަނުން ކަނޑައަޅާފައިވާ ގަޑިތަކުގައި އެ އެންމެނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީން ކުރަން ބޭނުންވާ ކަމަކީ ކަރަންޓީނުގައި ތިއްބެވި ބޭފުޅުންނަށް ވެސް ވޯޓު ލެވޭނެކަން. އެކަމަށް ކަނޑައެޅިފަ އޮތް ގޮތައް ކުރިއަށް ގެންދެވޭނެ. އޭރުން އެއްވެސް ފަރާތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.
އެ އިންތިޚާބުގައި މި ފަހަރު 3،934 ކެންޑިޑޭޓުން ބައިވެރިވާއިރު އޭގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،670 ކެންޑިޑޭޓަކު ވާދަކުރެ އެވެ.
ލޯކަލް އިންތިޚާބު: ކޮވިޑަށް ޕޮޒިޓިވްވި މީހުން ވޯޓުލުމަށް ޚާއްސަ ގަޑިއަކީ ހަވީރު 5 އިން 6 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ