ދެތިން ދުވަހުގެ ތެރޭގައި ވިލިނގިލީގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް އިންޖިނިއަރުން ބުނޭ: ނިމާލް
ގއ. ވިލިނގިއްޔަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް އިންޖިނިއަރުން ބުނާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ. ނިމާލް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީކް ގަޑިތަކުގައި ވިލިނގިލީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދިޔައީ އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ތިން ޖަނެރޭޓަރުގެ ތެރެއިން 800 ކިލޯވޯޓުގެ ޖަނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަތޮޅުތެރެއިން އެރަށަށް ޓީމެއްގޮސް އެ މައްސަލަ ހައްލުކުރުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ވިލިނގިލީގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ 800 ކިލޯވޯޓުގެ ޖަނެރޭޓަރު މަރާމާތު ކުރިމަށްޓަކައި އަތޮޅުތެރެއިން އިންޖިނިއަރުންގެ ޓީމެއް އެރަށަށް ދަތުރުކޮށް މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އަދި މަސައްކަތަށް ބޭނުންވާ ސްޕެއާ އަދި އެހެނިހެން ތަކެތި ދަނީ ވިލިނގިއްޔަށް ފޯރުކޮށްދެމުންނެވެ. އިންޖިއަރުން މައުލޫމާތުދެއްވާގޮތުގައި ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ވިލިނގިލީގެ ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ،" ނިމާލް ނެރުއްވި ބަޔާނުގައި ވެއެވެ. ވިލިނގިލީގައި ކަރަންޓުގެ މައްސަލަ ދިމާވާތާ ދެ ހަފްތާ ވެފައިވައިވާއިރު އެކަމާ ހިތްހަމަނުޖެހުންފާޅުކޮށް އެރަށު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ