ޑީއެންއޭއަކީ 2023ގެ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫން: އުމަރު

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އަކީ އަންނަ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޑީއެންއޭ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވި އިރު އޭނާ ވަނީ 2023 ވަނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީން އިއުލާން ކުރައްވާފަ އެވެ.
ޑީއެންއޭ އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ޑީއެންއޭއަކީ ގައުމު އިސްލާހު ކުރުމަށް އުފެއްދި ހަރަކާތެއް ކަމަށާއި ޑީއެންއޭއިން ކުރާނެ މަސައްކަތަކީވެސް ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ.
އުމަރު ވިދާޅުވީ، ޑީއެންއޭއަކީ ސިޔާސީ މަގުސަދަކަށްޓަކައި އުފެއްދި ހަރަކާތެއް ނޫން ކަމަށެވެ،
"ޑީއެންއޭއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫން. އަދި މިއީ އަޅުގަނޑުގެ ކެމްޕޭނަށް އުފެއްދި ހަރަކާތެއްވެސް ނޫން" އުމަރު ވިދާޅުވިއެވެ.
ޑީއެންއޭގައި މި ވަގުތު އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން މީގެ ކުރިން ބައެއް ސިޔާސީ މަގާމުތަކާއި ސަރުކާރުގެ އެކި މަގާމުތަކުން ފެނުނު ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ