އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަނީ

ޖިންސީ ގޯނާގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ކުރި މައްސަލައިގައޮ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި ތަހުގީގު ކޮމިޓީ އެކުލަވާލައިފި އެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑު ގޮތެއްގައި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާލިބޭ އެހެން ފަރާތްތަކާމެދު އަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުވާ ލިވެ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިން ކަމަށް ބެލެވޭތީ، ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، މި މަހުގެ ނުވަ ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެދުވަހުގެ ރޭ އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ބުނެ ޕީޖީ އޮފީހުގެ ފަރާތުން ވަނީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ