ޝާންއަށް އަންނަ މަހު ހަތެއްގައި ހުކުމް ކުރާނަން: ގާޒީ

ދީނީ އިލްމްވެރިޔާ އަދި ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް އަންނަ މަހުގެ ހަތްވަނަ ދުވަހު ހުކުމް ކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އެވެ. މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮތް މިމައްސަލައިގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން ނަގާ ނިންމާލުމަށްފަހު ސެޕްޓެމްބަރު ހަތްވަނަ ދުވަހު މައްސަލަ ނިންމާނެ ކަމަށެވެ.
ޝާންގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވެސް އޮތީ ޝާންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމެވެ. މިމައްސަލައިގައި މީގެ ކުރިން ޝާންއާ އެއްކޮޅަށް ހަތަރު މީހަކު ހެކިބަސް ދީފައިވާއިރު އެ އެންމެން ވެސް ބުނެފައިވަނީ އަފްރާމްޝީމް އަވަހާރަކޮށްލި ވަގުތު ކަމަށް ބުނާ ވަގުތު ޝާން އިނީ ކުރީގެ ޖަލަޕީނޯ ރެސްޓޯރަންޓްގައި ކޮފީއެއްގައި ކަމަށެވެ. މިއަދު ހެކިބަސް ދިން މީހާ ވެސް ހެކިބަސް ދީފައިވަނީ މިގޮތަށެވެ.
ޝާންގެ ދިފާއީ ހެކިންގެ ގޮތުން ޖުމްލަ ފަސް މީހަކު ހެކިބަސް ދީފައިވާއިރު، ދައުލަތުގެ ފަރާތުން ޝާންއާ ދެކޮޅަށް ހެކިބަސް ދީފައިވަނީ އެންމެ މީހެކެވެ. މީގެ ކުރީގެ އަޑުއެހުމެއްގައި ހެކިބަސް ދެމުން އެމީހާ ބުނީ ޑރ. އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގޭގެ ސިޑި ކައިރީގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ވަގުތު ލޭހޭކިފައި އޮތް ވަޅިއެއް ހިފައިގެން ޝާން އެތަނުގައި ހުއްޓާ އޭނާއަށް ފެނިފައިވާ ކަމަށެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލި މައްސަލައިގައި ދައުވާ އުފުލުނު ހ. ލޮބީ، ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ. މިމައްސަލަ ހުމާމްގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ