އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު އިސްތިއުނާފު ކޮށްފި

ބަންދުގައި ބަހައްޓައިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އެ ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ހައިކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފި އެވެ.
އިތުބާރު ހުރި ފަރާތަކުން ވަނީ މިކަން ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ހައިކޯޓުގެ ބަހެއް ވަނީ އަދި މިމައްސަލައިގައި ލިބޭ ގޮތް ނުވެފަ އެވެ.
އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރާއި ގުޅިގެން ފުލުހުންނާއި ކްރިމިނަލް ކޯޓުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އުމަރު ހައްުޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާތީއާއި ކޯޓަށް އެއްބާރުލުން ނުދެއްވާ މައްސަލައިގައި ކަަމަށް އެނގިފައިވެ އެވެ. ނަމަވެސް ހޯމް މިނިސްޓްރީން ބުނީ އުމަރު ކޯޓަށް ވަޑައިނުގަންނަވަނީ ނޫން ކަމަަށާއި، ރަސްމީ ދަތުރުތަކެއްގައި ރާއްޖޭގައި ބޭރުގައި އުޅުއްވާތީ ކޯޓަށް ވަޑައިނުގެންނެވީ ކަަމަށެވެ. އަދި އުމަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކޯޓަށް އެންގުމަށްފަހު ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުންނާ މުހާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި އެގޮތަށް ހަރަކާތްތައް ބަދަލުކޮށްލުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަ އާއި ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުން ދާ ގަޑީގަ އާއި އދ.ގެ މަންދޫބަކު އެއާޕޯޓަށް ފައިބައި ގަޑީގަ އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލިކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތަށް ބޭނުން ވަނީ 2000 ވޮލަންޓިއަރުން ކަމަށް ވިދާޅުވި އިރު އެ 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ދިވެހި ސިފައިން ވަރުބަލި ކުރުމަށްފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރާއްޖޭގެ އަމަންއަމާން ކަމަށް ގެއްލުން ލިބިދާނެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އުމަރު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ދެވޭ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ