ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރެވޭކަށް ނެތް: ހުކުމް

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބުނެ އަލްހާންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށާއި، އެމްޑީޕީން މަޖިލިސް އިންތިހާބަށް ފޭދޫ ދާއިރާގެ ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމަށެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ އަލްހާން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ފުރިހަމަކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށް ބުނެ އަލްހާން ހުށަހެޅުއްވި މައްސަލަ ބާތިލްކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އެމްޑީޕީން ނެގި އިޖުރާއީ މައްސަލައަށް ގޮތެއް ނިންމުމަށް މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ އަލްހާން ހުށަހެޅުއްވި މައްސަލައަކީ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަަމަށް ކަނޑައަޅާފަ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދާފައިވަނީ މުހައްމަދު ނިހާދު އެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނިހާދަށް 316 ވޯޓް ލިބިވަޑައިގެންފައިވާއިރު، އަލްހާނަށް ލިބިވަޑައިގެންފައިވަނީ 154 ވޯޓެވެ.
ޕްރައިމަރީގެ މައްސަލަތައް އެމްޑީޕީގެ ކަމާއި ގުޅުންހުރި ކޮމިޓީ ތަކަށް އަލްހާން ހުށަހެޅުއްވުމުން ޕްރައިމަރީ ބާތިލްކުރަންޖެހިދާނެ ކަމަށް ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެމްޑީޕީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން ޕްރައިމަރީ ބާތިލްނުކުރަން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައި ނުވާތީ ކަމަށް ވެސް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ބުނެފައިވެ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ކަންކަމުގައި ހަރަކާތްތެރިވި އެމްޑީޕީގެ އޮފިޝަލުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ފޭދޫ ދާއިރާގެ ނަތީޖާއާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ޕްރައިމަރީގައި ހިނގާފައިވާ ކަމަށް ބުނެފަ އެވެ.
ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އަލްހާން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އޭނާ ގެންދަވަނީ ފޭދޫ ދާއިރާގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ