ޑީއާރްޕީއާ ގުޅުވައިގެން މައުމޫން ވިދާޅުވާ ކޮންމެ އެއްޗެއް މެންބަރުންނަށް ވިއްކޭނެ: މައުމޫންގެ ތަރުޖަމާން
ޑީއާރުޕީއާ ގުޅުން ހުރި ކޮންމެ ކަމެއްގައި ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވާ އެއްޗަކީ ޕާޓީގެ މެންބަރުން މެދުގައި ވިކޭނެ އެއްޗެއް ކަމަށް މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ( މުންދު ) ވިދާޅުވެއްޖެ އެވެ.ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެޕާޓީން ވަކިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޑިސިޕްލިނަރީ ކޮމިޓީން ފާސްކުރުމާ ގުޅިގެން ޕާޓީގެ ތެރޭގައި ތަފާތު ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށް، އެކަމަކީ ގަބޫލްކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އުމަރަކީ އަދިވެސް އެޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ޒައީމް މައުމޫން ވިދާޅުވުމާ، ގުޅިގެން އެ ޕާޓީން ވަނީ އެކަމަށް ރައްދުދީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޕާޓީގެ ގުނަވަނަކުން ނިންމާ ނިންމުމަކަށް ގޮތް ކިޔުމުގެ އިހުތިޔާރު ޕާޓީގެ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ޑީއާރްޕީގެ އަސާސީ ގަވައިދުން ތަން ނުލިބޭ ކަމަށެވެ.މުންދު ވިދާޅުވީ އުމަރު ނަސީރާ މެދު އަޅާފައިވާ ފިޔަވަޅަކީ ޕާޓީގެ އަސާސީ ގަވައިދު ތަންދޭ ފިޔަވަޅެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށާއި ޑީއާރުޕީގެ އެ ބަޔާނަކީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ނެރެފައިވާ ބަޔާނެއް ކަމަށެވެ.މުންދު ވިދާޅުވީ ނަމަވެސް ޑީއާރުޕީގެ ހުރިހާ މެންބަރުން ވެސް މައުމޫން އަކީ ޑީއާރުޕީގެ ބާނީ އަދި އެޕާޓީ އުފެއްދެވި ފަރާތް ކަމުގައި ގަބޫލުކުރާއިރު އެޕާޓީގައި މިއަދާ ހަމައަށް ވެސް ތިބި މެންބަރުންނަކީ އަބަދުމެ އެ މަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބަވާނެ ބައެއް ކަމަށެވެ. މުންދު ވިދާޅުވީ ޒައީމަކީ ޕާޓީގައި ޑިމޮކްރަސީގެ ބިންގާ އެޅުއްވި ފަރާތް ކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގެ ވާހަކަ އެކި ބޭފުޅުން ދައްކަވާއިރު އަސާސީ ގަވާއިދު އެކުލަވާލެއްވުމުގައި ޒައީމް މައުމޫނުގެ ހިޔާލާއި ފިކުރާއި އެކު އޭރު ރާއްޖޭގައި ޒައީމް ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމްގެ މައިގަނޑު އަސާސްތައް ހިމަނުއްވައިގެން އެކަން ކުރެއްވީ ޑިމޮކްރަސީއަށް އެމަނިކުފާނު ބޭނުންފުޅުވާތީކަން ހަދާން ބަހައްޓަންޖެހޭނެ ކަމަށެވެ." ޒައީމް ގޮވާލައްވަނީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓެވުމަށް. މީގެކުރިން ވެސް ޕާޓީގެ އެކިއެކި ބޭފުޅުންނާމެދު ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައި. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޒައީމް މައުމޫން މަސައްކަތް ކުރައްވާފައި ވަނީ ޕާޓީގެ ޔުނިޓީއާއި ޕާޓީގެ ރޫހު ދެމެހެއްޓެވުމަށް. ޒައީމްގެ ލީޑާޝިޕް ޕާޓީގެ ތެރޭގައި ޤަބޫލްކުރަނީ ވެސް އެފަދަ ފިކުރެއް ގެންގުޅުއްވާ ބޭފުޅަކަށްވާތީ،" މުންދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ