ދީނުގެ އުސޫލާ ހިލާފުވި ވެރިކަން ވާނީ ބަދަލުކޮށްފައި: އުމަރު

ވެރިކަން ކުރުމުގެ ނިޒާމަށް ކޮންމެ ނަމެއްކީ ނަމަވެސް ކޮންމެ ބައެއްގެ ވަށައިގެން ލެވިފައިވާ ވަރުގަދަ އެންމެ އުސް ފާރަކީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ ފާރު ކަމަށާއި އެއްވެސް ވެރިއަކަށް އެ ފާރު ފޫއަޅުވާ ނުލެވޭނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިއަދަކީ ދިވެހި ރައްޔިތުން އެމީހުންގެ ގައުމަށް އެދޭ ގޮތް ބަޔާން ކުރުމުގެ ދުވަސް ކަމަށާއި އަދި ގައުމު ހިންގުމާއި މެދު ވިސްނާ ފިކުރު ހިންގުމުގެ އިތުރުން ރައްޔިތުންގެ ބަސް އިއްވޭ ވެރިކަމުގެ ނިޒާމެއް އޮތް ގައުމަކަށްވީތީ އުފާ ކުރަންވީ ދުވަސް ކަމަށެވެ.
މިނިސަޓަރު އިތުރަށް ވިދާޅުވީ ދިވެހިންގެ މައްޗަށް ވެރިކަން ކުރުމުގެ ނިޒާމަށް ކޮންމެ ނަމެއްކީ ނަމަވެސް ކޮންމެ ބައެއްގެ ވަށައިގެން ލެވިފައިވާ ވަރުގަދަ އެންމެ އުސް ފާރަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ ފާރު ކަމަށާއި އެއްވެސް ވެރިއަކަށް އެ ފާރު ފޫއަޅުވާ ނުލެވޭނެ ކަމަށެވެ.
"މިދެންނެވި ހިމާޔަތުގެ ފާރަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ފާރު. މި ފާރުގެ ތެރޭގައި ވާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މިންތަކާއި އުސޫލުތައް، އެ އިންތަކުގެ އެތެރޭގައި ވަނީ ގާނޫނު އަސާސީގެ މައްޗަށް ހެދޭ ގާނޫނުތައް. އޭގެތެރޭގައި ހިމެނެނީ އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތެއް،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން މި އިންތަކުގެ ތެރޭގައި ތިބޭއިރު ހަނދާނަށް ގެންނަންވީ އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަން ކަމަށާއި އަދި އެ މިނިވަންކަމާއިއެކު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ކަމަށެވެ. އެހެންކަމުން މިނިވަންކަމުން އުފަލާއި ހިތްހަމަޖެހުން ލިބޭނީ ވަކި ހައްދެއް ނެތި އެ މިނިވަންކަން ދޫކޮށްލައިގެން ނޫން ކަމަށާއި އަދި ފިކުރެއް ނެތި ދެ އަތް އުރާލައިގެން ތިބެގެން ވެސް ނޫން ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ދިވެހިން ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް ބަދަލުކުރި ނަމަވެސް ދިވެހިން ބަދަލު ނުކުރާ ހަމައެކަނި ކަމަކީ އިސްލާމް ދީން ގެނެސްދީފައިވާ މަތިވެރި ހަމަތައް ކަމަށެވެ. އެގޮތުން ޖުމްހޫރީ ނިޒާމާއި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުނު މަދު ދުވަސްކޮޅުގައި ވެސް، އަދި މިޒަމާނުގެ ޑިމޮކްރަސީއަށް ވެރިކަން ބަދަލުވި ނަމަވެސް އިސްލާމް ދީން ދަސްކޮށްދިނީ އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ނުނިކުތުމަށް ވެރިންނަށް ބާރު އެޅުން ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ އުސޫލުތަކުން ކައްސާލި ކޮންމެ ނިޒާމެއް ދިވެހިން ބަދަލުކުރި ކަމަށާއި އިސްލާމް ދީނުގެ އަސާސްތަކާއި ހިލާފުވި ކޮންމެ ވެރިއެއްގެ ވެރިކަން ނިމިގެންދިޔަކަން ތާރީހުން ފެންނަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ