އަބްދުﷲ "ޑީލް" ގަބޫލު ކުރެއްވުމުން އަފްޣާންގެ ރައީސް ކަމަށް ޣަނީ

ކާބުލް (ސެޕްޓެމްބަރު 21، 2014) - އަފްޣާން އިންތިހާބުގެ ދެ ވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމުން ޖެހުނު މައްސަލަތައް "ޑީލް" އަކާއިއެކު ހައްލު ވެއްޖެ އެވެ.
މި ޑީލްގައި ބުނާ ގޮތުން ޣަނީ އަކީ ރައީސް އެވެ. އަދި އަބްދުﷲ އަށް ލިބި ވަަޑައިގަންނަވާނީ ޗީފް އެގްޒަކަޓިވްގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބާރެވެ. ޗީފް އެގްޒެކްޓިވްގެ މަގާމަކީ ބޮޑުވަޒީރުގެ މަގާމާއި އެއްވަަރު މަގާމެކެވެ.
ޖޫން މަހު ބޭއްވި އިންތިހާބުގައި ދިމާވި މައްސަލަތައް ހައްލު ކުރުމަށް އެމެރިކާއިން އިސް ނަަގައިގެން ވަނީ ވޯޓުގެ ނަތީޖާ އަލުން ސާފުކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ނަމަވެސް އެ މަސައްކަތް ވެސް ވަނީ މުޅިން ފުރިހަމަ ވާގޮތް ނުވެފަ އެވެ.
ޣަނީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މިހާރު ދެ ކެންޑިޑޭޓުންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހިޔާލު ތަފާތުވުންތައް ނައްތާލެވިފައިވާ ކަަމށެވެ.
"ދެ ފަރާތުން ވެސް މިހާރު ވަނީ ހުރިހާ ކަމަކަށް އެއްބަސްވެފައި. ހިޔާލު ތަފާތުވުންތައް ވަނީ ނައްތާލެވިފައި. ދެ ފަރާތުން ވެސް އެއްބަސްވުމުގައި ވަަރަށް އަވަހަށް ސޮއިކުރާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
ޣަނީ އަށް ވޯޓްގެ 56.44 ޕަސެންޓް ލިބިވަޑައިގެންފައިވާ ކަމަށް ނަތީޖާ އިން ދައްކާއިރު އަބްދުﷲ އަށް ލިބިވަޑައިގެންނެވި ކަމަށް ދައްކަނީ 43.45 ޕަސެންޓެވެ. މައްސަލަ ހޫނުވެގެން ދިޔައީ ނަތީޖާ ގަބޫލުނުކުރައްވައި ދެ ބޭފުޅުން ވެސް އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ އިނގިލި ދިއްކުރައްވަން ފެއްޓެވުމުންނެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ