އީސީގެ މެންބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ދީފި

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލައިފައިވާތީއާއި ކޯޓުގެ ހުކުމަށް އަމަލުކުރަމުންނުދާތީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްސަލަ ބަލައި ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ ދާދިފަހުން އެކޯޓުން އެކުލަވާލި ސޫމޯޓޯ ގަވައިދުގެ ދަށުންނެވެ.
މިގަވައިދަކީ ސުޕްރީމް ކޯޓުން މައްސަލައެއް ބަލަން ބޭނުންވެއްޖެނަމަ ދަށު ކޯޓު ތަކުގައި ހިނގަމުންދާ މައްސަލަތައް އެކޯޓަށް ގެނެސްގެން ބެލުން ނުވަތަ ގައުމީ ބޮޑެތި މައްސަލަތައް އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާތޯ ބެލުމެއްނެތި ކޯޓުން އަމިއްލައަށް މައްސަލަ ހުށަހަޅާ މައްސަލައިގައި ގޮތެއް ނިންމުމަށް ބޭނުންކުރާ ގަވައިދެކެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިއަދު މެންދުރުފަހު 2:00 ޖެހިއިރު ސުޕްރީމް ކޯޓަށް ހާޒިރުކުރީ ކޯޓުގެ ހުރުމަތް ކަނޑާލުމާއި ކޯޓުގެ ހުކުމަށް އަމަލު ކުރަމުންނުދާތީ އެ ކޯޓުގެ އިސް ނެގުމަކަށް ބަލާ މައްސަލައެއްގައި ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ކޮމިޝަނުގެ މެންބަރުންނަށް އަންގާފަ އެވެ.
ބެންޗުން އެގޮތަށް އެންގުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖު ވަނީ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. އަދި ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނަ ދުވަހަކު މައްސަލައިގައި ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އަންގާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް މިއަދު ހާޒިރުވާން އެންގުމުން ކޮމިޝަނުގައި މިވަގުތު ތިއްބެވި ހަތަރު މެންބަރުން ވެސް ކޯޓަށް ހާޒިރުވެވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ އިލެކްޝަން ކޮމިޝަނުގެ މެންބަރުންނަށް ފޮނުވި އަމުރުގައި ބުނެފައިވަނީ ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިއުސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ވާގޮތަށް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ