ގައްދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓަކު ނުނެރުމަށް ސަރުކާރު ކޯލީޝަނުގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އަންގާފައިވަނިކޮށް، ގައްދޫ ދާއިރާ ހިމެނޭގޮތުން ހަތް ދާއިރާއެއްގެ ވޯޓުލުން މިއަދު އޮންނާނެކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމް ޕްރައިމަރީގައި މިހާތަނަށް ވޯޓުނުލާ ހަތް ދާއިރާގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން މިރޭ 10:00 އާއި ހަމައަށް ކަމަށް ޕީޕީއެމުން ބުނެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލް ވިދާޅުވީ މިއަދު ވޯޓްލުން ކުރިއަށްދާނީ އިއްޔެ ޕްރައިމަރީ ނުބޭއްވުނު ހަތް ދާއިރާގައި ކަމަށެވެ.
އެގޮތުން މިއަދު ޕްރައިމަރީ ބާއްވަނީ ގައްދޫ ދާއިރާއާއި، މަޑުއްވަރީ ދާއިރާއާއި، ލ. ގަމު ދާއިރާ، މާވަށު ދާއިރާ، އިސްދޫ ދާއިރާގެ އިތުރުން، ސ. ފޭދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާގަ އެވެ. މިއަދު ބާއްވާ ޕްރައިމަރީގައި ފޭދޫ ދާއިރާއަށް ހަތަރު މީހަކު ވާދަކުރާއިރު، ފުވައްމުލަކު އުތުރު ދާއިރާއަށް ދެ މީހަކު އަދި، އިސްދޫ ދާއިރާއަށް ދެ މީހަކު ގަމު ދާއިރާއަށް، ދެ މީހަކު ވާދަކުރާއިރު، މާވަށު ދާއިރާއަށް ތިން މީހަކު ވާދަކުރެ އެވެ. އަދި މަޑުއްވަރީ ދާއިރާއަށް ހަ މީހަކު ވާދަކުރާއިރު، ގައްދޫ ދާއިރާއަށް ދެ މީހަކު ވާދަކުރެ އެވެ.
ފޭދޫ ދާއިރާ އަށް ވާދަކުރަނީ ސ. ފޭދޫ ފުށިވިލާ ހައްވާ ޒާހިރާއާއި، ކަރަންކާވިލާ މުހައްމަދު މުއުމިންއާއި، ޝެހެނާޒުވިލާ އަހުމަދު މަރުޒޫގުއާއި ހަމަ އެރަށު ރާޒްދާން އިބްރާހިމް ދީދީ އެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރަނީ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު މުހައްމަދު ރަފީގާއި، ޏ.ފުވައްމުލައް ދޫރޭސް އަލީ ޝާހު އެވެ. އިސްދޫ ދާއިރާއަށް ވާދަކުރަނީ އެ ދާއިރާގެ މިހާރުގެވެސް މެންބަރު ހ،ރަނދުވާނިއާ އަހުމަދު ރަޝީދު އިބްރާހިމް އާއި، ލ. މާބައިދޫ ހަވާސާ އަލީ ނަސީރު އެވެ.
ގަމު ދާއިރާއަށް ވާދަކުރަނީ އެދާއިރާގެ މިހާރުގެވެސް މެންބަރު ލ. ގަން އިޔާން، ޔޫސުފު އަބުދުލްޣަފޫރާއި، ހަމައެރަށު ކޯޒީކޯނާ އަހުމަދު ރަޝީދު އެވެ. މާވަށު ދާއިރާއަށް ވާދަކުރަނީ އެދާއިރާގެ މިހާރުގެވެސް މެންބަރު ލ. މާވަށު މާޒީ އަބުދުލްއަޒީޒު ޖަމާލް އަބޫބަކުރާއި، ހަމައެރަށު އާފާގުގޭ، މުހައްމަދު އަލީ އާއި، މ. އަފްޒާ އަހުމަދު އަޒުހާން ފަހުމީ އެވެ.
މަޑުއްވަރީ ދާއިރާއަށް ހަ މީހަކު ވާދަކުރާއިރު، އޭގެތެރޭގައި ހިމެނެނީ ކ.މާލެ ޒަމާނީގުލްޝަން އާމިނަތު ނާދިރާއާއި، ގ. އާބިން މުހައްމަދު ރަމީލް އާއި، ގދ. ގައްދޫ ރޯސްމާގެ މުހައްމަދު އަމީތު އަހްމަދު މަނިކާއި، ގ. ވަށްފުށި މުހައްމަދު އާތިފާއި، ރ. މަޑުއްވަރީ ނިޔާމަ މުހައްމަދު ޝިހާމްއާއި، ރ. މީދޫ ވެސްޓްކޯސްޓް އިބްރާހިމް ރަޝާދު އެވެ.
މީގެ އިތުރުން ގައްދޫ ދާއިރާއަށް ވާދަކުރަނީ، ހ. ސައުތުރީފް އަހުމަދު ރަޝީދާއި، ގ. ސަންއީސްޓް އަހުމަދު އަމްރު އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ދާއިރާތަކުގެ ތެރެއިން 49 ގޮނޑިއަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމުހޫރީ ޕާޓީން މަޖިލީހުގައި 28 ދާއިރާއަކަށް އަދި އެމްޑީއޭއިން ވާދަކުރަނީ އަށް ދާއިރާއަކަށެވެ.
ގައްދޫ ދާއިރާ ހިމަނައިގެން ހަތް ދާއިރާގެ ވޯޓުލުން މިއަދު ބާއްވާނެ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ