ރައްޔިތުން ދިން ވޯޓް މިއަދު މިދަނީ ނިގުޅައިގަންނަމުން: ޖަމީލް

2013 ވަނަ އަހަރު ރައްޔިތުން ވޯޓްދިނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަށް ބަލާފައި ނޫން ކަމަށާ ވޯޓް ދެއްވީ އެމަނިކުފާނުގެ ނަންފުޅުވެސް އޮތުމުން ކަމަށް ވިދާޅުވެ އެ ހައްގު މަޖިލީހުން މިއަދު ނިގުޅައިގަންނަން ތައްޔާރުވަމުންދާ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ މިހެން ވިދާޅުވީ އެމަނިކުފާނު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މީޑިޔާއަށް މިއަދު އާންމު ކުރެއްވި މެސެޖެއްގަ އެވެ.
ނައިބް ރައީސް ވިދާޅުވީ ދިވެހި ގައުމުގެ އެންމެ އިސް ދެ މަގާމަށް 2013 ވަނަ އަހަރު ރައްޔިތުން ވޯޓް ދިނީ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅާ އެމަނިކުފާނުގެ ނަންފުޅަށްވެސް ބަލާފައި ކަމަށާ ނަމަވެސް މިއަދު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި ބަޔަކު މަސައްކަތް މިކުރަނީ ރައްޔިތުންގެ އެޙައްޤު ނިގުޅައިގަތުމަށް ކަމަށެވެ. އަދި މިއީ ބަޔަކު ރާވައިގެން ކުރަމުން ގެންދާ ކަމެއްކަމުގައިވެސް ތުހުމަތު ކުރެއްވި އެވެ.
"މިފަދަ ކޮންމެކަމެއް ރާވައި، އިންތިޒާމުކޮށް، ތަންފީޒީ މަރްހަލާއާއި ހަމައަށް ވާސިލުވުމުން ކުއްލިއަކަށް ހެކި މިފެންނަނީ، ޕެންޑްރައިވާއި، ގިފިލިތެރެއިންނާއި، ފޯނުގެ އެކިއެކި އެޕްލިކޭޝަން ތެރެއިންނެވެ. ދިވެހި ރައްޔިތުންގެ އެންމެމަތީ މަޤާމުގައި ތިބި ބަޔަކު އެއްކިބާކުރަން މިއަށް ވުރެ ޒިންމާދާރު، ތަސައްރަފު ފުދޭ، ޤާނޫނީ އަދި ޝަރުޢީގޮތުން ޤަބޫލުކުރެވޭ ޙުއްޖަތުތަކެއް ޤާއިމުކުރެވެން ޖެހޭކަން ސާފުކޮށް އެނގުނަސް ކޮންމެ މީހަކުހެން ވަނީ އެކި ޙާލަތްތަކުގެ ތެރޭގައި ގުޑާފަ އެވެ. ތެދު އެނގެން އޮތްކަމުގައިވިޔަސް ލިބޭނެ ކުރިއެރުމާއި، މަންފާއެއްގެ ދަހިވެތިކަމުގަ އެވެ. ޙައްޤުގޮތް ފެންނަން އޮތަސް ބާތިލު އެއްކިބާކުރެވޭކަށް ނެތޭބުނާ ކަހަލަ އެވެ." ނާއިބް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަގާމުގެ ޙައިސިއްޔަތުން ނިމިގެންދިޔަ ދުވަސްތަކުގައި އަބަދުވެސް މަސައްކަތް ކުރައްވާފައިވާނީ ކުރި ހުވަޔާއި އެއްގޮތަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އެކު ކަަމަށެވެ.
ނާއިބް ރައީސް ވިދާޅުވީ ޕީޕީއެމް ނިކަމެތިވެ ބާރެއް ނެތް ދުވަސްތަކުގެ މަތިން ހަނދާން ނެތިއްޖެ ކަމަށާ ރައްޔިތުންނާއި ހަމައަށް ގޮސް ދެއްކި ވާހަކަތަކުގެ މަތިން ހަނދާން ނެތިއްޖެ ކަމަަށެވެ. އަދި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް ތަފާތު ނުކުރާނެ ކަމަށް ބުނި ވާހަކަ މިއަދު އޮތް ހިސާބު ބަލާއިރު ވަޒީފާއެއް ހޯދުމާއި ވަޒީފާއެއްގައި ދެމިތިބުމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާ ޒާތީ ޙައްޤު ކަމަށާއި، އެކަން މިއަދު ވަނީ ޕާޓީ ސިޔާސަތާއި ލާމެހިފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއަރުވަން ވަޢުދުވި ރައީސް މިއަދު ޢަމަލުކޮށްފައިވާ ގޮތް، މިނިވަން މުއައްސަސާތަކުގެ ޙާލަތުންނާއި، ދައުލަތުގެ މީޑީއާއިން ސާފުވެ އެވެ. ޚިޔާލު ދިމާނުވާ ކޮންމެ މީހެއްގެ ނަފްސާއި މުދަލުގެ ރައްކާތެރިކަން އޮތްގޮތް މިއަދު މިވަނީ ސަމާސާއަކަށް ވެފަ އެވެ. ކުއްލިއަކަށް ހިފަހައްޓާ ލައިސަންސާއި، ކުއްލިއަކަށް ފްރީޒްކުރާ އެކައުންޓްތަކާއި، ކުއްލިއަކަށް އުވާލާ އެއްބަސްވުންތައް އިރުކޮޅެއްގެ ތެރޭގައި ސިޔާސީ ގޮތުންވާ އެއްބަސްވުންތަކުގެ ތެރެއިން ހަމަޖެހިގެން ދިއުމުން ޤައުމުގައި ޤާނޫނުގެ ޙުކުމް އޮތްގޮތް ސާފުވެ އެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ކަމަށް އިންތިޚާބުވެ ބާރުލިބުމުން ނިކަމެތިކަމުގައި އުޅުނު ދުވަސްތައް ހަނދާންނެތި ބާރުގެ ގޮތުގައި ލިބުނު ނިޢުމަތުގެ މަތިން ވަނީ ހަނދާން ނެތި ގޮސްފައި ކަހަލަ އެވެ. މިއަދު ކޮންމެކަމެއްކުރަން ފަސްނުޖެހޭ، ކޮންމެފަދަ އިލްޒާމެއް ތުހުމަތުކުރަން، ކޮންމެފަދަ ގޮތަކަށް މީހެއްގެ ޙައްޤު ނިގުޅައިގަންނަން ބިރުނުގަންނަކަން ރައީސުލްޖުމުހޫރިއްޔާ ތަމްޞީލު ކުރާ ކަހަލަ އެވެ." ނާއިބް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ