މާރާމާރީ ހުއްޓުވުމަށް އަމާޒުކޮށްގެން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ދަށުން ނެރެމުންދާ މޮނިކޮންގެ ނަތީޖާ ފެންނަމުންދާކަމަށާ ކުޑަކުދިންގެ މައްޗަށް މޮނިކޮން އަމުރު ނެރޭނީ އެނޫން ގޮތެއް ނެތިއްޖެ ހާލަތެއްގައިކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަމަން އަމާންކަން ގާއިމްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާ އެކަމުގެ ނަތީޖާ ފެންނަމުންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ހުށައަޅަމުން ދަނީ ތަކްރާރްކޮށް ކުށްކުރަމުންދާ މުޖްތަމައުއަށް ނުރައްކާތެރި މީހުންގެ މައްޗަށްކަމަށެވެ. ނަމަވެސް ހައިކޯޓުން މިފަދަ އަމުރުތައް ނެރެދިނުމުގައި ލަސްތަކެއްވަމުންދާތީ އެކަމާއި ކަންބޮޑުވާކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
ކުޑަކުދިން ކުށްކުރުން އިތުރުވެ މިދިޔަ ހުކުރު ދުވަހު އުމުރުން 14 އަހަރުގެ ދެ ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން މިނިސްޓަރު އުމަރު ވިދާޅުވީ ކުޑަކުދިންގެ ތެރެއިންވެސް އުމުރުން 14 އަހަރުން މަތީގެ ކުދިންނަށް މޮނިކޮން އަމުރު ނެރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
ނަމަވެސް ހޯމް މިނިސްޓަރުގެ އަމާޒަކީ ކުޑަކުދިންގެ މައްޗަށް މޮނިކޮން އަމުރު ނުނެރެ އެނޫންގޮތަކަށް ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުއްޖެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރުމަށް ހުށައަޅާނީ އެ ނޫން އެހެން އެއްވެސް ގޮތެއް ނެތުމުންކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކު ނެތް އެކަމެއް ކުރާކަށް. ކުޑަކުދިންގެ ފައިގައި ޓެގް އަޅުވާނީ އެ ނޫންގޮތެއް ނެތުމުން." އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިތުރު ބައެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ ކުށްކުރުން ހުއްޓުވަން ފިޔަވަޅު އަޅާނެކަމަށާ މިކަމުގައި ޝަރުއީ ދާއިރާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.
އަދި މޮނިކޮން އޯޑަރުން ނަތީޖާ ނުފެންނަކަމަށް ބުނެ ފާޑުކިޔަމުންދިޔަނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާ އެކަމުގެ ނަތީޖާ ރަނގަޅުކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އަދި ނިމިގެންދިޔަ އެއްވެސް ސަރުކާރަކަށް ކުރެވޭފަދަ މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ މައްޗަށް މޮނިކޮން އަމުރު ނެރޭނީ އެހެން ގޮތެއް ނެތުމުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ