ޕީޕީއެމްގެ އަމަލުތައް މިއަދު ހުރި ގޮތުން ޕާޓީއަށާއި ގައުމަށް ގެއްލުންތަކެއް ވަމުންދާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްވި ބަޔާނެއްގަ އެވެ. ރައީސް މައުމޫން ނޫސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް ނޫސްވެރިންނަށް ސުވާލުކުރެއްވުމަށް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.
ޕީޕީއެމްގެ އެތެރޭގައި ހުރި މައްސަލަތައް މައުމޫން މިރޭ މީޑިއާގައި ހާމަކުރައްވާފައި މިވަނީ ޕީޕީއެމްގެ އެތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދި ޕާޓީ ދެބައިވެފައިވާ ވަގުތެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ އެތެރޭގައި އިސްލާހު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން އެމަނިކުފާނަށް ގަބޫލުކުރެވޭތީ ޕާޓީ އިސްލާހު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހިމެނޭ ގޮތަށް މި މަސައްކަތް ކުރުމަށް ނުވަ މެންބަރުންގެ ކޮމިޓީއެއް ނެގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ނަންތައް ރައީސް މައުމޫން ވިދާޅުވެފައި ނުވި ނަމަވެސް މި ކޮމިޓީގައި ހިމެނޭ ހުރިހާ ބޭފުޅުންނަކީ ވެސް ރައީސް މައުމޫނަށް ވަފާތެރި ބޭފުޅުން ކަމަށް އެނގިފައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގައި ހުރި މައްސަލަތައް އިސްލާހުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއްޖެ ކަމަށެވެ. ނަމަވެސް އެކަމުން މާބޮޑު ކުރިއެރުމުން ފެނިވަޑައިނުގަތުމުން އިސްލާހީ ޕްރޮގްރާމެއް ފަށަންޖެހުނީ ކަމަށް ދޭހަވާ ގޮތަށް ރައީސް މައުމޫން ވަނީ ވާހަަކަ ދައްކަވާފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހީ ޕްރޮގްރާމްގެ މަގުސަދަކީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީ އަލުން ހިންގުމަށް ރުޖޫއަކުރުން ކަމަށެވެ. ޕީޕީއެމް އިސްލާހުކުރުމަށް ފަށާފައިވާ ޕްރޮގްރާމަށް ޕާޓީގެ ގުނަންތަކާއި ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމް ނައިބް ރައީސްގެ މަގާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ބާރުތައް ނަންގަވާފައިވާތީ އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ވެސް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ އިޝާރާތްކުރައްވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ނައިބް ރައީސް ވެސް ކަންކަން ކުރައްވަން ވާނީ ޕާޓީގެ އަސާސީ ގަވައިދާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. ޕާޓީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ޕާޓީއަށް ހުރި ފިއްތުއްތައް ބަަލަންޖެހޭ ކަން ފާހަގަކުރައްވާ ރައީސް މައުމޫނަށް ވިދާޅުވީ ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ވެސް އެމަނިކުފާނަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޕާޓީ ހިންގަނީ ޕާޓީގެ މައި އޮފީހުންތޯ ނުވަތަ އެހެން އޮފީހަކުންތޯ ޕާޓީގެ އާންމު މެންބަރުން ސުވާލުކުރާ ކަމަށާއި އަދި ޕާޓީއަށް ފޮނުވާ ބައެއް ލިޔުންތައް ޕާޓީއަށް ނުލިބޭ ކަމުގެ ޝަކުވާ ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެދި މިވީ ދެތިން އަަހަރުގެ ތެރޭގައި ޕާޓީއަށް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ގޮފިތައް މުޅި ރާއްޖޭގައި ގާއިމުކުރެވި 2013 ވަަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބު ޕީޕީއެމް އިން ކާމިޔާބުކޮށް ޕީޕީއެމްގެ ސަރުކާރެއް ގާއިމްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށްފަހު ޕާޓީގެ ތެރޭގައި މައްސަލަތައް އުފެދި ޕާޓީ ރަނގަޅަށް ހިނގަމުންދާ ނުދާ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ އަހްލާގު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ކަންކަންވީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަންކަން ނުދިއުމުންނާއި ޕާޓީގެ ގުނަންތަކުން އެންމެ ރަނގަޅަށް ކަންކަން ކުރެވިފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. މިއީ ޕްރޮގްރެސިވް ޕާޓީއަށް ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއް،" ފުރަތަމަ ފަހަރަށް ޕީޕީއެމްގައި ހުރި މައްސަލަތައް ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއަށް މިވަގުތު މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް މައްސަލަތައް ހައްލުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑު ނުގުނޑާ އަޒުމެއްގައި މިމަސައްކަތުގައި ހުންނާނަން" ކަމަށެވެ.
ޕީޕީއެމްގެ އަމަލުތައް ހުރީ ޕާޓީއާ ގައުމަށް ގެއްލުންވާ ގޮތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ