ދިވެހި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި ސައުދި އަރަބިއްޔާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިއަދު ސޮއި ކޮށްފި އެވެ.
މިއެއްބަސްވުމުގައި ސޮއި ކޮށްފައި މިވަނީ ސައުދީ އަރަބިއްޔާގެ ދާހިލީ ވަޒީރު ޕްރިންސް އަބްދުލް އަޒީޒު ބިން ސައުދު ބިން ނާއިފް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރެވެ. ސައުދި އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އަހްމަދު ބިން އަގީލް އަލް ޚަތީބެވެ.
ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ސައުދީގެ ދާހިލީ ވަޒީރާ ރައީސް އޮފީހުގައި ބައްދަލުކުރައްވާ ދެ ގައުމު ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ސައުދި އަރަބިއްޔާގެ ދާހިލީ ވަޒީރު ޕްރިންސް އަބްދުލް އަޒީޒު ބިން ސައުދު ބިން ނާއިފް ރާއްޖެއަށް ކުރެއްވި ދަރުތުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ވަނީ ފުރާވަޑައިގެންފަ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހު ކުރިއަށް ގެންދާ ބޮޑެތި ބައެއް މަޝްރޫއުތަކަށް ސައުދީ އަރަބިއްޔާ އިން ގެންދަނީ ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިވެހި ސަރުކާރަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ސަރުކާރުގެ ގެންދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ސައުދީ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ