ދިއްފުށީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ޝުޢޫރު ފާޅުކޮށްފި

ކ. އަތޮޅު ދިއްފުށީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ޝުޢޫރު ފާޅުކޮށްފިއެވެ.މިއަދު އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރާއި ދެކޮޅަށް ޝުއޫރުފާޅުކޮށްފައި ވަނީ އެރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާތީ ކަމަށް ބުނެއެވެ.އެގޮތުން ދިއްފުށީ ރައްޔިތުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައި ވަނީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދާތީއެވެ. ރައްޔިތުންގެ މަޖްލީސް އިންތިހާބުގެ ތެރޭގައި ރައީސް ސޯލިހް ވަނީ 6 މަސްތެރޭގައި އެ ރަށުގެ ބިން ހިއްކާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަމުގެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަށް ނުދާތީ އެރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ. "އަޅުގަނޑު އިން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ 6 މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާނެ ކަމަށް. ނަމަވެސް އެކަން ނުވެސް ފެށޭ" މެދު އުމުރުގެ އަންހެން ބޭފުޅަކު ނުރުހުންވެފައި ހުންނަވާ ވިދާޅުވިއެވެ.މީގެ އިތުރުން އެރަށުގައި އޭޓީއެމެއްގެ ޚިދުމަތް ފަށާނެ ކަމަށް ބުންޏަސް އެކަން ފުރިހަމަ ނުވާތީ ވެސް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.ދިއްފުށީގައި މިއަދު ސަރުކާރާއި ދެކޮޅަށް ޝުއޫރުފާޅުކުރި ރައްޔިތުން ބުނެފައިވާ ގޮތުގައި ރައީސް ސޯލިޙަށް އެރަށުން ގިނަ ބަޔަކު ވޯޓު ދިން ނަމަވެސް އެރަށަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އަދި އެއްވެސް ކަމެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ރައީސް ސޯލިޙްގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.ސަރުކާރާއި ދެކޮޅު ޝުޢޫރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭއިރު އެފަރާތްތަކުން ވަނީ މިއަދު އެރަށަށް ވަޑައިގެންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި ވެސް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެެވެ.
މިލިޔުން ކިޔާލުމުން
82 %
އުފާވި
0 %
ދެރަވި
18 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ