އީސީގެ މެމްބަރު ކަމަށް ފުއާދު ތައުފީގް

އިލެކްޝްނަސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް މައްޗަންގޯޅި ތަޅަމުދިގޭ އަލްފާޟިލް ފުއާދު ތައުފީގު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަސްލާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް 10 ބޭފުޅަކު ކުރިމަތި ލެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރުހުން ދީފައި މަޖިލީހަށް ފޮނުވާފައިވަނީ 4 ބޭފުޅެއްގެ ނަމެވެ. ފުއާދުގެ އިތުރުން އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަގެ ނަންވެސް ވެސް ތަޅުމަށް ވަނީ ފޮނުވާފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވެވި ހަތަރު ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާއިން ދިރާސާކޮށް އެންމެ ގިނައިން މާކްސް ދީފައިވަނީ ފުއާދަށެވެ. ފުއާދުގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 31 ގައެވެ.
ފުއާދަކީ މީގެ ކުރިން ވެސް އީސީގެ މެންބަރު ކަން ކުރެއްވި ބޭފުޅެކެވެ. ފުއާދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކޮމިޝަންގެ ރައީސް ކަން ކުރައްވާފައެވެ. އޭރުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ތަކެއް ފުއާދު ކޮށްފައިވާ އިރު އޭނާ ވަނީ އެކަން ދޮގު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ