ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރަނީ

ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނި ވަޑައިގަންނަވާ ހަތް ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.
ފަނޑިޔާރުން ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ވަހީދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. މި ހުށަހެޅުން ފާސްވީ 4 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ފަނޑިޔާރުންނާ އެކު ބައްދަލުކުރަން ހުށަހަޅާފައިވާ އިރު މި ބައްދަލުވުން އޮންނާނެ ތާރީހެއް އެ ކޮމިޓީން ކަނޑައަޅާފައެއް ނުވެ އެވެ.
ހަތް ފަނޑިޔާރުން ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ "ކޮންސްޓިޓިއުޝަނަލް ކްރައިސިސް" އާ ބެހޭގޮތުން އިލްމީ ދިރާސާއެއް ކުރުމަށް ކޮމިޓީން ބުނެ އެވެ.
އެމްޑީޕީ އާއި ޑީއާރުޕީގެ ބާރު އޮންނަ މި ކޮމިޓީގައި ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ.
އަލީ ވަހީދު ވިދާޅުވީ ސްޕްރީމް ކޯޓުން މިހާތަނަށް ނެރެފައިވާ ބައެއް ހުކުމް ތަކުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް ގައުމަށް ދިމާވެފައިވާކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން އެންމެ ފަހުން ކޮށްފައިވާ ހުކުމުގެ ސަބަބުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ފަހުން ގާނޫނު އަސާސީގެ ބާރުކެނޑިގެންދާނެ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންގެ ގޮނޑި ގެއްލުވާލާނެކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދެމުން އަންނަ ކަމަށާއި ސުޕްރީމް ކޯޓުން މަޖިލިސް މެމްބަރުން ބްލެކް މެއިލްކޮށް ޖައްސާލައިގެން އުޅޭ ކަމަށް ވެސް އަލީ ވަހީދު ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުން މާދަމާ ނޫނީ މިރޭ ކޮމިޓީއަށް ހާޒިރު ކުރަން ފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ