އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ޑްރަގް ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރުމަށް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން މިއަދު ނިންމީ އެ ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ނައިބު ރައީސް އަބްދުﷲ ދީދީއާ އެވެ. އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން ޖޭއެސްސީގައި ނެގި ވޯޓުގައި އަބްދުﷲ ދީދީ ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމަކީ ޖޭއެސްސީ އަށް ލިބިގެންވާ ބާރެއް ކަމަށެވެ.
ނަމަވެސް ފަނޑިޔާރުންގެ ގާނޫނުގެ 46 ވަނަ މާއްދާގައި ވަނީ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި އެހެން ހާލަތްތަކުގައި އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަން ކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަން ވާނީ ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށެވެ.
މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއްފަދަ އެއް ދަރަޖައެއްގެ ކޯޓަކަށް ކަމަށް ގާނޫނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ