މާރުކޭޓުތައް ހަވީރު 4:00ގެ ފަހުން ބަންދުކުރަން އަންގައިފި

މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާރުކޭޓްތަކުން މާދަމާއިން ފެށިގެން ހަވީރު 4:00ގެ ފަހުން ވިޔަފާރި ނުކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓުތަކަކީ މާލޭ ލޯކަލް މާރުކޭޓު، މާލޭ ދަތުރުވެރިންގެ މާރުކޭޓު، މާލޭ މަސް މާރުކޭޓު އަދި ވިލިމާލޭ ލޯކަލް މާރުކޭޓެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މާލެ ސިޓީގައި ހިންގަމުން އަންނަ މާރުކޭޓްތަކުން ހިދުމަތް ދެމުން އަންނަ ގަޑިތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން މާރުކޭޓުތަކުން ހިދުމަތް ދޭނީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މާލޭގެ މާރުކޭޓުތަކުން ވިޔަފާރި ކުރެވޭ ވަގުތަށް ބަދަލު ގެނައިއިރު، އެޗްޕީއޭ އިން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ފިހާރަތައް 24 ގަޑިއިރު ހިދުމަތް ދިނުން މަނާކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ އާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުން ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލަން ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ