ޖާބިރު ކުރި ދައުވާއަށް މައުމޫން އިންކާރުކޮށްފި

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް 29 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ދައުވާއަށް ރައީސް މައުމޫން އިންކާރު ކުރައްވައިފިއެވެ.
މި މައްސަލައިގެ މިއަދު ވަނީ އިބްތިދާއީ އަޑުއެހުން ބާއްވާފައެވެ. މި އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތުން ވަނީ މައްސަލައަށް އިންކާރު ކުރައްވާފައެވެ. މި މައްސަލާގައި ރައީސް މައުމޫންގެ ފަރާތުން ވަކީލެއްގެ ގޮތުގައި ސިވިލް ކޯޓަށް ވަޑައިގެންނެވީ ވަކީލް މުހައްމަދު ފައިސަލެވެ.
މިއަދު އޮތް އަޑުއެހުމުގައި ދައުވާ އިއްވުމުން ދައުވާއަށް އިންކާރު ކުރައްވާ ރައީސް މައުމޫންގެ ފަރާތުން ވިދާޅުވީ އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ރަޖިސްޓްރީ ބޭއްވުމަށްފަހު އެފަދަ މުއާމަލާތެއް ހިންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް ރައީސް މައުމޫންގެ ފަރާތުން ޝަރީއަތުގައި މިއަދު ވަނީ ވިދާޅުވެފައެވެ.
މިއީ މި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ. މި އަޑުއެހުން ނިންމާލީ ރައީސް މައުމޫންގެ ފަރާތުން ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރުމުން އެކަމަށް ޖަވާބު ދެއްވުމަށް މައްސަލަ ހުށަހެޅި ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފުރުސަތު ދެއްވުމަށްފަހުއެވެ.
ޖާބިރު މީގެކުރިން ވިދާޅުވެފައި ވަނީ އެ ފައިސާއަކީ "ޑިމޮކްރަސީ"އަށްޓަކައި ދިން ފައިސާއެއް ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓަރެސްޓާ އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރަށް ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައިވާއިރު މި މައްސަލަ ވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާއިން ވެސް ހައްލު ނުވެފައެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަކީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުގައި ވާހަކަ ދެއްކެވި، ދެ ފަރާތުން އެއްބަސްވެވޭ ގޮތަކަށް މައްސަލަ ނިންމުމަށް، ބާރުއެޅުމުގެ ގޮތުން އެކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފުރަތަމަ މަރުހަލާއެވެ.
މި މައްސަލަ ޖާބިރުގެ ފަރާތުން ފުލުހުންނަށްވެސް ހުށަހެޅިއެވެ. ނަމަވެސް ފުލުހުނަށް ހުށަހެޅި މައްސަލަ ޖާބިރު ވަނީ އަނބުރާ ނަންގަވާފައެވެ. އޭރު އެ މައްސަލަ ޖާބިރު އަނބުރާ ނެންގެވުމަށްފަހު ވަނީ މައުމޫނަށް މައާފުވެސް ދެއްވާފައެވެ. ޖާބިރު މީގެކުރިން ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު އޭރު ވިދާޅުވިއެވެ.
މި މައްސަލައިގެ ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ. ނަމަވެސް ދެން އަޑުއެހުމެއް ބާއްވާނީ މި މައްސަލާގައި މިއަދު ރައީސް މައުމޫންގެ ފަރާތުން ކޯޓުގައި ދެއްކެވި ވާހަކަފުޅަށް ލިޔުމުން ޖަވާބު ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ