ދައުލަތުގެ ބާރުތަކުން ބޭނުންވަނީ ރައްޔިތުން ކަންބޮޑުވުމުގައި ބައިތިއްބަން: އަމީން

ދައުލަތުގެ ބާރުތަކުން ބޭނުންވަނީ ރައްޔިތުން ހާސްވެ، ކަންބޮޑުވުމުގައި ބައިތިއްބަންކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން އިތުރަށް ނިންމަންޖެހޭ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އާންމުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ދެ ކޮޅަށް ބަހުސް ފެށިފައިވާއިރު އަމީން ވިދާޅުވީ ދައުލަތުގެ ބާރުތަކުން ބޭނުންވަނީ ރައްޔިތުން ހާސްވެ، ކަންބޮޑުވެ ގޮތް ހުސްވެފައިވާ ބައިތިއްބަންކަމަށެވެ.
އަދި ހާސްފިލާ މަގު ސާފުވުމަކީ އޮތް ގޮތެއް ނޫންކަމަށް އަމީން ވިދާޅުވިއެވެ.
ދައުލަތުގެ ބާރުތަކުން ބޭނުންވަނީ ރައްޔިތުން ހާސްވެ، ކަންބޮޑުވެ ގޮތް ހުސްވެފައިވާ ބައިތިއްބަންކަމަށް އަމީން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ހަ މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހަތަރު މެންބަރުންނަށް ސުޕްރީމް ކޯޓުން މިރޭ ދިން ލިޔުމުގައި ވަނީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން އިތުރަށް ނިންމަންޖެހޭ ކަމެއް ނެތް ކަމަށެވެ.
އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ހަ ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ބުނެ އެ ދާއިރާތަކުގައި ބައި އިލެކްޝަން ބާއްވާނެކަމަށް ބުނެފައެވެ.
ނަމަވެސް ގާނޫނީ ވަކީލުން ގެންދަވަނީ ސުޕްރީމް ކޯޓުގެ މިރޭގެ ނިންމުމުން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ސާފުކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގޯސްކަމަށް ވިދާޅުވެފައެވެ.
ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މެންބަރުންގެ ގޮނޑިތައް ގެއްލިފައިވާކަމަށް ބުނަމުންދާއިރު، އީސީން ނިންމި ނިންމުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓްގެ ނިންމުމުގައި ސާފުކޮށް އެއްޗެއް ބުނެފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސުޕްރީމް ކޯޓްގެ މިރޭގެ ނިންމުމުގެ ސަބަބުން ކުރިން ކުރަމުންދިޔަ ބަހުސް ބޮޑުވެ ވާނުވާނޭންގުން ބޮޑުވެގެންދިޔަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ