ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް އަމިއްލަ ޖީބުން ކުރާ ޚަރަދު ކުޑަވެއްޖެ - ހެލްތު މިނިސްޓަރ

ދިވެހި ރައްޔިތުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށްޓަކައި އަމިއްލަ ޖީބުން ކުރާ ޚަރަދު ކުޑަވެފައިވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް އާ ހަވާލުކުރުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) ކުރާ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި 2011 ވަނަ އަހަރު ދިވެހި ރައްޔިތަކު އެވެރަޖެ ގޮތެއްގައި ޞިއްޙީ ކަންކަމަށް 49 ރުފިޔާ ޚަރަދުކުރާއިރު ސަރުކާރުން ޚަރަދުކުރަނީ 51 ރުފިޔާކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން، 2014 ވަނަ އަހަރު ޞިއްޙީ ޚަރަދުތައް ހަމަޖެއްސުމަށް އެވަރެޖުގޮތެއްގައި ރައްޔިތުން އަމިއްލަ ޖީބުން ޚަރަދުކުރަނީ 29.5 ރުފިޔާއެވެ. ސަރުކާރުން ޚަރަދުކޮށްފައިވަނީ 70.5 ރުފިޔާއެވެ.
މީގެއިތުރުންވެސް، ޞިއްޙީ ރޮނގުން ސަރުކާރުން ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އައިޖީއެމްއެޗް ގައި ގިނަ ޚިދުމަތްތަކެއް ދޭން ފެށުމާއި އަތޮޅުތެރޭގެ ޞިއްޙީ ފެންވަރު ރަނގަޅުކުރުމަށް ކުރެވެނު ބައެއް މަސައްކަތްތަކާއި ބައެއް ބަލިތައް މުޅިން ނައްތާލުމުގެ މަސައްކަތްތަކުގެ މައްޗަށް ބަލާލާފައިވެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް، އިންޑިޔާގެ މަޝްހޫރު ނިމްސް މެޑްސިޓީ ހިންގާ އެންއައިއައި އާ ހަވާލުކޮށްފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި އެހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ދޭން ފެށުމަށްވަނީ ނިންމާފައެވެ.
އެގޮތުން، ހިޕްސް އަދި ކަކޫ ރިޕްލޭސްމަންޓް ސާޖަރީއާއި ފުއްޕާމޭގެ ސާޖަރީތައް ފެށުން އަދި ތެލެސީމިޔާގެ ރޮނގުން ސެންޓަރ އޮފް އެކްސަލަންސް އަކަށްވުންވެސް ހިމެނެއެވެ. ހަމައެހެންމެ، މެޑިކަލް ކޮލެޖެއްގެ ޤާއިމުކުރުމާއި ކެންސަރ ފައުންޑޭޝަނެއްގެ ޤާއިމުކުރުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ