ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް، ޔޫޓިއުބާއި ޓުވިޓާއިން ލައިވްކުރާނެ
ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ޔޫޓިއުބާއި ޓުވިޓާ މެދުވެރިކޮށް ލައިވްކުރަން ނިންމައި، ގަވާއިދު އާންމުކޮށްފި އެވެ. ސިއްހީ ހާއްސަ ހާލަތްތަކުގައި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ގަވާއިދުގައި ބުނެފައި ވަނީ ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ، ކޯޓަށް މީހާ ކޮންމެހެން ހާޒިރުކޮށްގެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ، އެފަދަ ކޮންމެ ހިދުމަތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީމެއިލް، ޖެމްސް، ޓެކްސްޓް މެސެޖު، ފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ. ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި ބައްދަލުވުންތައް އާންމުގޮތެއްގައި ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް ނުވަތަ ޓެލެފޯނު ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށެވެ. ދުރުން ކުރިއަށްގެންދާ ޝަރީއްތުގެ މަޖިލީހަށް ލޮގިން ވުމަށް ބޭނުން ވާ ލިންކް އާއި ޔޫޒަ ނޭމް އަދި ޕާސްވޯޑް މައްސަލަ ތާވަލުކުރެވިފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ޚަޞްމުންނަށް އީ-މެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުވާނެ އެވެ. ދުރުން ކުރިއަށްގެންދާ އަޑުއެހުންތަކުގައި ހޭދަވާ ވަގުތު ވީހާވެސް މަދުކުރުމަށް، މައްސަލައާގުޅޭ ލިޔެކިޔުންތައް ދުރާލައި ބަދަލުކުރެވިގެން މައްސަލަ ކުރިއަށްގެންދެވޭ ހާލަތުގައި، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ޝަރީއަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުސަތު ދެވޭނީ ޚަޞްމަށް ނުވަތަ އެ ފަރާތުގެ ގާނޫނީ ވަކީލަށް ނުވަތަ ބަދަލު ހަމަޖައްސާފައިވާ ފަރާތަށެވެ. މިގޮތުން، ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ދެވޭނީ 10 މިނެޓުގެ ފުރުސަތެއް ކަމަށާއި އެއަށްފަހު ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެމަތީން ފުރުސަތު ދެވޭނެ ކަމަށް ގަވާއިދު ބުނެ އެވެ. ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ޓުވިޓާ ނުވަތަ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ޝަރީއަތެއް އެކުގައި، ނުވަތަ ޝަރީއަތަކުން ބައެއް، އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު އެ ޝަރީއަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވާ ހާލަތްތަކެވެ. ގައިދުރުކަން ކަށަވަރުކުރުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކޮށް، ސުޕްރީމް ކޯޓުގެ ޝަރީއަތްކުރާ މާލަމުގައި ފަނޑިޔާރުން ހާޒިރުވެ ތިބެގެން ޓެލެކޮންފަރެންސިންގ ޕްލެޓްފޯމް އާ ގުޅާލެވޭ ފަދަ ހާލަތްތަކުގައި މައްސަލަ ބަލާ ފަނޑިޔާރުން ހާޒިރުވެ ތިބޭނީ ސުޕްރީމްކޯޓުގެ ޝަރީއަތްކުރާ މާލަމުގަ އެވެ. ދުރުން ކުރިއަށްގެންދާ ޝަރީއަތެއްގެ ގޮތުގައި އަޑުއެހުންތައް ކުރިއަށް ގެންދާއިރު ޚަޞްމުން ތިބެންވާނީ ކޯޓުގެ ހުރުމަތާ އެއްގޮތްވާ ހެދުމެއްގަ އެވެ. ވަކީލުން ތިބެންވާނީ ސޫޓުގަ އެވެ. އަދި މައްސަލަ ބަލާ ފަނޑިޔާރުން ތިބޭނީ ގައުނުގަ އެވެ. ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެގޮތާއި، މައްސަލަ ރަޖިސްޓްރީކުރުމުގައި އަމަލުކުރެވޭނެގޮތާއި، މައްސަލައާގުޅޭ އިބްތިދާއީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ޚަޞްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި ޝަރީއަތާ ގުޅިގެން ފޮނުވަންޖެހޭ ކޯޓު އަމުރު ފޮނުވޭނެގޮތާއި، ޝަރީއަތުގެ މަޖިލީސްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގައި އަމަލުކުރެވޭނެގޮތުގެ އިތުރުން، ޝަރީއަތާ ގުޅުންހުރި އެނޫންވެސް މުއާމަލާތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދާނެގޮތް ގަވާއިދުގައި ހިމެނެ އެވެ. މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެވެ. އެގޮތުން، ޖޫން އެއް ވަނަ ދުވަހުން ފެށިގެން، އާންމުކޮށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެ އެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ [email protected] އީ-މެއިލް އަށެވެ. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ކުރަމުންގެންދާނީ އީ-މެއިލް، ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންނެވެ. ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ހުށަޅަންބޭނުންވާ ޝަކުވާއެއް އޮތްކަމުގައިވާނަމަ، އީ-މެއިލް މެދުވެރިކޮށް އެ ޝަކުވާއެއް ކޯޓަށް ހުށަހެޅޭނެ އެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުންގެންދާނީ އީ-މެއިލް ނުވަތަ އެނޫންވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ