ކުށެއް ނެތް ބަޔަކު ހައްޔަރުކުރުމުން ބަދަލުގެ ގޮތުގައި ދެ ލައްކަ ޔޫރޯ ދޭން ފުލުހުންގެ މައްޗަށް ހުކުމްކޮށްފި

ގެޓްވިކް އެއާޕޯޓް ސަރަހައްދުގައި ޑްރޯން އެރުވިކަމަށް ބުނެ ހައްޔަރު ކުރުމުން ބަދަލުގެ ގޮތުގައި ދެލައްކަ ޔޫރޯ ދޭން ޖެހިއްޖެއެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓް ސަރަހައްދުން ޑްރޯނެއް ފެނި އެ އެއާޕޯޓުގައި 120،000 މީހުން ތާށި ވިއެވެ. އަދި 3 ދުވަހަށް އެއާޕޯޓް ބަންދުކުރަންވެސް ޖެހުނެވެ.
އެއާޕޯޓް ބަންދުކޮށް ޑްރޯން އެރުވި މީހާ ހޯދުމުގެ މަސައްކަތް އެގައުމުގެ ފުލުހުން ފެށިއެވެ. އަދި ތަހުގީގުގެ ބޭނުމަކަށް އެއާޕޯޓާ މާދުރު ނޫން ސަރަހައްދުގެ ގެއަކަށް ވަދެ ދެމަފިރިއަކު ހައްޔަރު ކުރިއެވެ. އިނގިރޭސި ފުލުހުން ގަދަ ބާރާއެކު ވަދެ ހައްޔަރު ކޮށްފައިވަނީ ޕައުލް އަދި އެލެން ގެއިޓް ނަމަކަށް ކިޔާ ދެމީހުންނެވެ.
މިދެމީހުން ހައްޔަރުކޮށް ފުލުހުން ތަހުގީގުގައި 36 ގަޑިއިރު ބޭތިއްބުމަށްފަހު ކުށެއް ނެތްކަން ޔަގީން ވުމުން ދޫކޮށްލިއެވެ. ޕައުލް އާއި އެލެން ގެއިޓް އެއްވެސް ކުށެއް ނެތި ހައްޔަރު ކުރުމުން އެދެމީހުން ވަނީ ބަދަލު ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
އެންމެ ފަހުން އިއްޔެ ވަނީ ބަދަލު ދޭން ޖެހޭނެ ކަމަށް ކޯޓުން ނިންމައިފައެވެ. އެގޮތުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދަކީ ދެ ލައްކަ ޔޫރޯ ކަމަށްވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.
ފުުލުހުން ވަނީ ދިމާވި ކަންކަމަށް މައާފަށް އެދި ޕައުލް އާއި އެލެން ގެއިޓް އަށް ސިޓީއެއްވެސް ފޮނުވައިފައެވެ. އަދި ކޯޓުން އެންގި ގޮތަށް ބަދަލު ދިނުމަށް އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ