ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ބޭނުންހާކަމެއް ކުރަންއޮންނަ ތަނެއްނޫން: ގާސިމް

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ބޭނުންވާހާކަމެއް ކުރަން އޮންނަ ތަނެއްނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީނިއުސްރޫމްއިން މިރޭ ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިސް ވާންޖެހެނީ ކަނޑައެޅިގެން ސަރުކާރު ޒިންމާޒާރު ކުރުވާ ތަނަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ސަރުކާރުގެ ޒިންމާތައް ފުރިހަމައަށް އަދާކުރޭތޯ ބަލަން އޮންނަ ތަނެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ކުރަން ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ އެކަމަށް ތަސައްރަފް ފުދޭ ގާބިލް ބޭފުޅުންނަށް ވާންޖެހޭނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ހަމަ އެއާއެކު، މަޖިލީހަށް އިންތިޚާބު ކުރެވޭ އަންހެން ބޭފުޅުންގެ އަދަދުވެސް ގިނަވާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އަންހެނުންގެ އިހްސާސްތައް ބޮޑަށް އެނގޭނީ އަންހެން ބޭފުޅުންނަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކޯލިޝަން ޕާޓީތަކުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ދިޔަނަމަ މިހުރިހާ ވާހަކައެއް ދައްކަން ޖާގައެއް ނޯންނާނެ ކަމަށެވެ. އަމިއްލައަށް ހުރިހާކަމެއް ބޭނުންވެގަތީ ކީއްވެގެންތޯއާއި، އަމިއްލަ އެދުން ކުރިއަށް ނެރެންވާނީވެސް ވަކި ވަރަކަށް ނޫންތޯ ސުވާލު ކުރައްވާފައެވެ.
"ހަތަރު ލީޑަރުންގެ އެއްބަސްވުމެއް އައި އިރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމެއް ނުބަލާ. ހަތަރު ލީޑަރުންގެ ދެވަނަ އަދި ތިންވަނަ ނިންމުމަށްވެސް ގޮތެއް ނުކިޔާ، އެމްޑީޕީން ފަހުން ކުޅުނީ ޑްރާމާއެއް. ވަކި ބަޔަކު، ވަކި ކަހަލަ ބަޔަކު މަޖިލީހަށް ވެއްދުމަށްޓަކައި ގެންދަނީ މަސައްކަތް ކުރަމުން. ގާބިލްނޫން އެތައްބަޔަކު ޕްރައިމެރީ ކާމިޔާބުކޮށް ވާދަކުރަމުންދާތަން އެބަ ފެނޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ގައުމު ކުރިއެރުމަށާއި، ގައުމަށްޓަކައި މަސައްކަތް ކުރުމުގައި ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކުވެސް އެދޭނޭ ކަމަށާއި، ގައުމު ކުރިއަރުވަން ބޭނުންވާނެ ކަމަށެވެ.
އެހެންކަމުން، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 46 ދާއިރާއަށް ޖުމްހޫރީ ޕާޓިން ނެރެފައިތިބި ކެންޑިޑޭޓުންނަށް އިސްކަން ދެއްވައިގެން ރައްޔިތުން ވޯޓް ދެއްވުމަށް ގާސިމް އެދިވަޑައ ގެންނެވިއެވެ. މިގައުމުގެ ސަލާމަތާއި އަމާން ކަމަށްޓަކައި މިނިވަންކަމަށްޓަކައި އިސްލާމްދީން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި އެއީ ކުރަން ވަރަށް މުހިންމު ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެވެސް ވިޜަނެއް އެބައޮތް ކަމަށާއި، ދިވެހިންގެ ބިން ދިވެހިންނަށް ހޯދަދިނުން ކަމަށް ގާސިމް ވިދާޅުވިއެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދިވެހިންގެ އަތްމަތީގައ ބޭއްވުމާއި، އިސްލާމްދީން ގާއިމްވެފައި އޮތުމާއި، ފުދުންތެރިކަން އޮތުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ވަކި ބަޔަކާ ގުޅިގެން މަސައްކަތް ކުރަން ފެށީމާ ބަޔަކު އެއްޗެހި ކިޔަމުންދާކަން ފާހަގަ ކުރައްވައި ގާސިމްވަނީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ބޭނުންވާ ގޮތަށް ރަބަރު ތައްގަނޑުޖަހާ ތަނަކަށް ވާކަށް ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ