އެއާޕޯޓް އަޅަން ނިންމާފައިވާ ގޮތާއިމެދު ފައިނުގެ ގިނަ ރައްޔިތުން ދެކޮޅު؟

ރ އަތޮޅު ފައިނަކީ 500 މީހުންވެސް ހަމަނުވާ ކުޑަކުޑަ އާބާދީއެއް އޮތް ރަށެކެވެ. ބިމުގެ މުއްސަދިކަން ލިބިފައިވާ އެހެންނަމަވެސް ތަރައްގީގެ މާގިނަ މަޝްރޫއުތަކެއް މިހާތަނަށް ހިންގިފައި ނުވާ ފައިނުގައި ބޮޑު މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެއާޕޯޓަކާއި ސިޓީ ހޮޓަލަކާ އެކު ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއުކުރިއަށް ގެންދިއުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެއްބަސްވުމުގައިވެސް މިހާރު ވަނީ ސޮއިކޮށްފައެވެ.
ފައިނުގައި ހަދަން ނިންމާފައިވަނީ 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އެއާޕޯޓަކާއި ސިޓީ ހޮޓަލެއްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިން ސެންޓަރަކާއި ކާގޯ ވިލެޖެއް ފައިނުގައި ހެދުމަށްވެސް ވަނީ ނިންމާފަ އެވެ.
ކުޑަކުޑަ ފައިނުގައި މިވަރުގެ ބޮޑު މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމި ނަމަވެސް ރަށުގެ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންނެއް ނޫނެވެ. ރަށުގައި އެއާޕޯޓެއް އޮންނަ ބޭނުންވާ ރައްޔިތުންނާއި، އެއާޕޯޓެއް އޮތުން މުހިންމު ނޫންކަމަށް ދެކޭ ރައްޔިތުންވެސް އެބަތިއްބެވެ. ނަމަވެސް ހުރިހާ ރައްޔިތުންވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެއީ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ގޮތް ކަމުނުދާކަމެވެ. ޚާއްސަކޮށް ރަށުން ވަރަށް ބޮޑު ބައެއް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، މި މަޝްރޫއުކުރިއަށް ގެންދަން ޖުމްލަކޮށް ރަށުގެ ހުރިހާ ރައްޔިތުން ދެކޮޅެވެ. އެ ރައްޔިތުންގެ ދެކޭގޮތުގައި ތަރައްގީގެ ނަމުގައި އެ ރަށުގައި އެއާޕޯޓް އަޅަން އުޅެނީ ރަށުން ބޮޑު ބައެއް "ވިއްކާ"ލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ