މިނިވަން 50ގެ އެއްވެސް ކަމެއް ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން ގެންގޮސްފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައި މިވަނީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާ އެ މައްސަލަތައް ބަލަމުން ގެންދާ ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވުމާ ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިވަން 50ގެ ހަރަކާތްތައް ކުރިއަަށް ގެންދިޔައީ ފަސް ވަޒީރުން ހިމެނޭ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން މިކޮމިޓީގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
އުމަރު ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރަން ޖެހުމުން ކަމެއް ގޯސްކޮށް ކުރެވޭތޯ ބަލައިދީ ކަމެއް ގޯސްކޮށްދާނަމަ އެކަން ސަމާލުކަމަށް ގެނެސްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އޮޑިޓާ ޖެނަރަލްގެ އޮފީހުގައި ލިޔުމުން އެ ދުވަސްވަރު އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެގޮތަށް އެދިވަޑައިގަތުމާ ގުޅިގެން މިނިވަން 50ގެ ހަރަކާތްތައް ބަލަހައްޓަމުން ދިޔަ އޮފީހުގައި އޭސީސީއާ އާއި އޮޑިޓާ ޖެނަރަލް އޮފީހުގެ މުވައްޒަފުންނަށް މޭޒެއް ވެސް ބެހެއްޓުނު ކަމަށާއި އަދި އެ ދެ މުއައްސަސާގެ މުވައްޒަފުން އެތަނުގައި އޭރު ހަރަކާތްތެެރިވެ ކަންކަން ހިނގާދިޔަ ގޮތް ބަލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އޭރަކު ނުފެނޭ ގޯސްކޮށް ދިޔަ އެއްވެސް ކަމެއް. އެހެންވީމާ އެ ދެ މުއައްސަސާއަށް މިހާރު ކަމެއް ގޯސްކޮށް ދިޔަ ތަން ފެނިގެން ނުވާނެ،" އުމަރު ވިދާޅުވި އެެވެ.
އުމަރު ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެކަމަށް އެކުލަވާލާފައިވާ ފަސް މެންބަރުންގެ ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ. ކޮންމެ ހަރަދެއް ކުރިޔަސް އަދި މަސައްކަތެއް ބަޔަކާ ހަވާލުކުރިޔަސް ކުރައްވާފައިވާނީ އޭރުގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ ހުއްދަ ލިޔުމުން ހޯއްދަވައިގެން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ކޮރަޕްޝަންގެ ތުހުމަތުކުރާނަމަ އެ ތުހުމަތު އަމާޒުވާނީ ނައިބް ރައީސް ޖިހާދަށް ކަމަށްވެސް ވިދާޅުވި އެވެ.
"ކޮމިޓީން ދެނީ ގައިޑެންސް. ދިނީމާ އަޅުގަނޑުމެން ލިޔަނީ ވަކި ކަމެއް ކުރަން މިނިސްޓަރ އޮފް ފިނޭންސަށް. އެފަރާތުން ލިޔުމުން ހުއްދަ ދެއްވީމާ ނޫނީ އެއްވެސް ކަމެއް އަޅުގަނޑުމެން އޭރުކޮށްފައެއް ނުވާނެ. އެހެންވީމާ މިއީ [އުމަރަކީ] ހުދުވާ އިނގޭތޯ. އަޅުގަނޑު މިގައުމަށް ހިޔާނާތްތެރި ނުވާނެ ކަން، އަޅުގަނޑު މިގައުމަށް ތެދުވެރިވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ހަމަލާއެއް ދިނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވުމުން ކަމަށެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށްޓަކައި ކުރައްވަމުން ގެންދަވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
އުމަރު ވިދާޅުވީ ރިޔުާސީ ރޭހުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނީ މޮޅަށް ކެމްޕޭންކޮށް ވޯޓްފޮށި މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން އޭސީސީއާ ކޯޓްތައް މެދުވެރިކޮށް ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެވުމަށް މަސައްކަތް ނުކުރެއްވުމަށް ވެސް އުމަރު ވަނީ ރައީސް ޔާމީނަށް އިލްތިމާސްކުރައްވާފަ އެވެ.
"ފުރިފައި ހުރި އެއްޗެެއް ގުޑުގުޑެއް ނާޅާނެ. ބްލެޓް ބޮކްސްގައި ވާދަކުރައްވަން ރައީސް ޔާމީން ޖެހިލުންވާ މަންޒަރު މިފެންނަނީ. އަޅުގަނޑު ރިޔާސީ ރޭހުގައި ރައީސް ޔާމީނާ ވާދަކޮށް ކާމިޔާބު ހޯދާނަން،" ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ކޮރަޕްޝަނެއް ނުހިންގަން، ރައްޔިތުންނަށް އެކަން ގަބޫލުކުރާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ