އީރާން އަންހެން ފުޓްބޯޅަ ޓީމުގައި "އަންހެނުންނަށް ނުވާ" 8 ކުޅުންތެރީން!

އީރާނުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގައި އަންހެން ނޫން އަށް ކުޅުންތެރިއަކު ހިމެނޭ މައްސަލައެއް މިދިޔަ ހަފުތާގައި ފެންމަތިވެއްޖެ އެވެ. އީރާންގެ އޮންލައިން ނޫހެއްކަމަށްވާ ޔަންގު ޖާނަލިސްޓްސް ކްލަބާ ހަވާލާދީ، އަލް އަރަބިއްޔާއިން ބުނީ، 'ޖިންސް ބަދަލުކުރަން ކުރާ އޮޕަރޭޝަން ނުކުރާ 8 ކުޅުންތެރިއަކު އީރާންގެ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ' ކަމަށެވެ. އީރާންގައި 1979 ވަނަ އަހަރުން ފެށިގެން ޖިންސު ބަދަލުކުރާ އޮޕަރޭޝަން ކުރުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވެއެވެ. އީރާން ފުޓްބޯޅަ ލީގާ ގާތް ގުޅުމެއް އޮންނަ އޮފިޝަލެއް ކަމަށްވާ މޮޖްތަބީ ޝަރީފީއާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، އީރާންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ފިރިހެނުންގެ ގޮތުގައި އުފަންވެފައިވާ، އެހެން ނަމަވެސް ފަހުން ޖިންސު ބަދަލުކޮށްފައިވާ ކުޅުންތެރީންގެ ނިސްބަތް ބުނެދޭން ނޭނގޭ ކަމަށެވެ. އީރާންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ފިރިހެން ކުޅުންތެރީން ހިމެނޭ މައްސަލައެއް މީގެ ކުރިން އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫންހުންވެސް ވަނީ ރިޕޯޓުކޮށްފައެވެ. 2014 ވަނަ އަހަރު، ޓެލެގްރާފްގައި ބުނެފައިވާ ގޮތުން އީރާނުގެ އަންހެން ފުޓްބޯޅަ ޓީމަށް ފިރިހެން ހަތަރުކުޅުންތެރިއަކު ކުޅެމުންދެއެވެ. އެފަހަރު އެޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރީންގެ ޖެންޑާ-ޓެސްޓިން ހެދުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެންގިއެވެ. އަދި އޭގެ ފަހުން އީރާން ޓީމު ކުޅުންތެރީން މުބާރާތްތަކުގައި ބައިވެރިކުރުމުގެ ކުރީން، ޖިންސް ދެނެގަތުމުގެ ޓެސްޓު ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކަނޑައެޅިއެވެ. އީރާން ފުޓްބޯޅަ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިއަކު (ކަނާތްފަރާތުން ރަތްކުލައިގެ ޖާޒީގައި) ފުޓްބޯޅަ މެޗެއްގައި ބޯޅަ ހޯދަން މަސައްކަތްކުރަނީ -- ފޮޓޯ: ޑެއިލީމެއިލް އީރާން އަންހެން ފުޓްބޯޅަ ޓީމުގައި ތިބި އަންހެން ނޫން ކުޅުންތެރީންގެ ނަންތައް ޝަރީފީ ހާމަ ނުކުރި ނަމަވެސް އޭނާ ބުނެފައި ވަނީ، އޭގެ ތެރެއިން ގިނަ ކުޅުންތެރީން ފިރިހެނުންގެ ގޮތުގައި ތިބެ މުޅި ފުޓްބޯޅަ ކެރިއަރު ހޭދަކޮށްލާއިރު، އޭގެތެރެއިން ގިނަ ކުޅުންތެރީން ޖިންސު ހާމަކުރަނީ އެމީހުން ޓީމަށް ކުޅޭ އެންމެ ފަހު ދުވަހު ކަމަށެވެ. މިއީ ފުޓްބޯޅައިގެ ރޫހާވެސް މުޅިން ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަމުން ޝަރީފީ ބުނީ، މިފަދަ ބޮޑު ޖަރީމާއެއް ހިންގުމުގެ ފުރިހަމަ ޒިންމާ އީރާންގެ ފުޓްބޯޅައިގެ މައި އިދާރާއިން އުފުލަން ޖެހޭނެ ކަމަށެވެ. ޝަރީފީގެ މި ވާހަކަތަކަށް އީރާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. އީރާނުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި އަންހެން ޖިންސު ނޫން ކުޅުންތެރީން ހިމެނޭ ކަމަށް ޝައްކުކުރެވޭ މައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވީ 2010 ވަނަ އަހަރުއެވެ. އެފަހަރު ތުހުމަތުތަކެއް ކުރެވިފައި ވަނީ، އެ ޓީމުގެ ގޯލްކީޕަރުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ