ނަޝީދު އިސްތިއުފާ ދެއްވި ދުވަހަކީ ސިޔާދަތު ކަށަވަރުވި ދުވަސް - ޑރ.އަބްދުﷲ ދީދީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހަކީ ރައްޔިތުންގެ ސިޔާދަތު ދިވެހިރާއްޖޭގައި ކަށަވަރު ވެގެން ދިޔަ ދުވަސް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަހްމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ދުރުކުރީ، މިދިޔަ އަހަރު އެވެ.
އަހްމަދު އަބްދުﷲ ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ޤާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ ފާހަގަ ކުރެއްވުމަށް ފަހު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހަކީ ރައްޔިތުންގެ ސިޔާދަތު މިޤައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެެއް ކަމަށެވެ. އަދި އެއީ "ޚުދުމުޚުތާރު ވެރިކަމެއް ޕޮޕިއުލަރ ރެވެލިއުޝަނަކުން ބަދަލުވެގެންދިޔަ ދުވަހެެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 04 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
ދެން އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ 2012 ފެބްރުއަރީ 08 ވަނަ ދުވަހު ރައްޔިތުންނަށް ކުރި އަނިޔާތަކާއި، ތަންތަން ރޯކުރި ކުރުމަކީ ތަޤާދުމްވާނެ ކުށްތަކެއް ނޫން ކަމަށެވެ.
ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައިދުވަހު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވީ ސިފައިން މަޖުބޫރުކޮށް، ބޮލުގައި ބަޑިޖެއްސުމުން ކަމަށެވެ. ނަޝީދު އެހެން ވިދާޅުވުމުން އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ، އެތައް ޕޮލިސް ސްޓޭޝަނަކާއި ފުލުހުންގެ ވެހިކަލްތަކާއި، އެތައް ކޯޓެއްގައި ހުޅުޖަހައި އަންދާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ