އިއްތިހާދުގެ ކެންޑިޑޭޓާ މެދު ރައްޔިތުން އެއްވެސް ޝައްކެއް ނުކުރާކަން ފެނިއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރާއްޖެއިން ބޭރަށް ކުރާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ މައުސޫމް ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓާއި އެކު މިހާތަނަށް 40 ރަށަކަށް ކެމްޕޭން ދަތުރުފުޅުގައި ވަޑައިގަނެވިއްޖެ ކަމަށެވެ. ކޮންމެ ރަށަކުން ވެސް ފެނިގެން ދިޔައީ އެންމެ ހިތް އެދޭ މަންޒަރު ކަމަށެވެ.
ޑރ. މައުސޫމް ވިދާޅުވީ ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރަނިންމޭޓު ފައިސަލް ނަސީމަށް ހޫނު މަރުހަބާއެއް ކިޔާފައި ވާއިރު ގިނަ ރަށްރަށުން ވަނީ އިންތިޚާބުގައި އެރަށްރަށުން އިއްތިހާދަށް 60 ޕަސަންޓު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްރަށުން ފޯރީގައި ބުނަމުން އަންނަނީ 90 ޕަސަންޓާއި އެކު އިބޫ އާއި ފައިސަލަށް އިންތިޚާބު ކާމިޔާބު ކޮށްދޭނެ ކަމަށް ކަމުގައި މައުސޫމް ވިދާޅުވިއެވެ.
"ކޮންމެ ރަށަކުންވެސް ވަކި ގަޑިއަކަށް ބެލުމެއް ނެތި ގަދަ އަތްވާއި ބޯ ވިއްސާރައިގަވެސް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ކެންޑިިޑޭޓާއި ރަނިންމޭޓަށް މަރުހަބާ ކިޔާ ސާބަސްދީ ތައުރީފު ކުރަމުންދަނީ. އެއީ ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ ގާބިލްކަމާއި އެބޭފުޅުންގެ ފަހަތުގައި ތިއްބެވި ސިޔާސީ ހަތަރު ލީޑަރުންގެ މައްޗަށް ރައްޔިތުންނަށް އޮތް އިތުބާރުގެ ބޮޑުކަމުން" ޑރ. މައުސޫމް ވިދާޅުވިއެވެ.
ޑރ މައުސޫމް ވިދާޅުވީ ޖަޒީރާ ރާއްޖެއޭ ބުނުމުން ރައީސް ޔާމީނާއި ޕީޕީއެމަށް ސިފަވެފައި އޮންނަނީ މީގެ 80 އަހަރު ކުރިން ރާއްޖެ އޮތް ގޮތް ކަމަށެވެ. އެހެންނަމަވެސް ޖަޒީރާ ރާއްޖޭގެ ތަރައްގީއަކީ އަމިއްލަ ރަށުން ރަގަޅު ތައުލީމާއި ބޭސްފަރުވާ އަދި ވަޒީފާގެ މަގުފަހިވެ އެއްވެސް އަސާސީ ބޭނުމަކަށް މާލެ އައުމަށް މަޖުބޫރު ނުވެ އަމިއްލަ ރަށުގައި ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތް ހޯދައިދިނުން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
އިއްތިހާދާ މެދު ރައްޔިތުން ޝައްކެއް ނުކުރޭ: ޑރ.މައުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ