ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަކީ ޑިމޮކްރެސީއާ ދުރަށް އަޅާ ފިޔަވަޅެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް އުމަރު ވިދާޅުވީ ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށެވެ.
އަދި އެއީ ދިވެހިން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރެސީއާ ދުރަށް އަޅާ ފިޔަވަޅެއް ކަމަށާއި ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ނިންމައިފިނަމަ އެކަން ވެގެންދާނީ ޑިމޮކްރެސީގެ މަގުގައި ފަހަތަށް އެޅޭ ފިޔަވަޅަކަށް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވޯޓުލުމަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
އެހެންކަމުން ސިފައިންގެ ކިބައިން ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ތާއީދުނުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެމްއެންޑީއެފްގެ 12ވަނަ ހެވިކަމުގެ މުބާރާތް ފެށުމަށް މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އަދި ސިޔާސީ އެއްވެސް ވިސްނުމެއް ނެތި، ނުފޫޒުތަކުން އެއްކިބާވެ ތިބެންޖެހޭ ބަޔަކަށްވާންޖެހޭ ކަމަށެވެ. އަދި ސިފައިންނަކީ ގައުމީ ޚިދުމަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެހެންކަމުން ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބޭ ބަޔަކަށް ހެދުމަށްޓަކައި ގާނޫނަށް ބަދަލުތަކެއް ގެނަންޖެހިފައިވާ ކަމަށެވެ. ސިފައިން ވޯޓުލުމާ ގުޅޭގޮތުން ގާނޫނުގައިވާ މާއްދާ އުވާލުމަށް މިއަހަރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ސިފައިންގެ ގާނޫނުގެ 20ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ސިފައިންގެ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ސިފައިންނަށް ވޯޓުނުލެވޭގޮތަށް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަން ޑިފެންސް މިނިސްޓަރު ހާމަކުރެއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މިގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހި ސިފައިންނަކީ ރާއްޖެ ބިނާކުރުމުގައި ބޮޑު ދައުރެއް އަދާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާ މީހުން ކަމަށާއި އެމީހުންނަށް ވޯޓުލެވެން ޖެހޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހަދަން އުޅެނީ ސިފައިންގެ ތެރޭގައި ރައީސް ޔާމީނަށް ތާއީދުކުރާ މީހުން މަދުވުމުން ކަަމަށެވެ. އަދި ގާނޫނުއަސާސީގައި އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ވޯޓުލެވޭނެ ކަމަށް ބަޔާންކޮށްފައި އޮތްހާ ހިނދަކު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވޯޓުލެވެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި އަދާލަތު ޕާޓީން ބުނެފައިވަނީ ސިފައިންގެ ކިބައިން ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން އުޅެނީ ސަރުކާރުގެ ގައުމީ ސަލާމަތާގުޅޭ ސިޔާސަތަށް ސިފައިން ތާއީދު ނުކުރާތީ ކަމަށެވެ. މީގެ އިތުރަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ސިފައިންގެ ދިފާއުގައި އެމްޑީޕީން އިހުތިޖާޖުކުރާނެ ކަަމަށް ބުނެފައެވެ.
ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމާމެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަަމަވެސް ސަރުކާރުން ގާނޫނަށް ހުށަހަޅާނެ ކަމަށް ބުނާ މި އިސްލާހަށް ތާއީދުކުރާނެކަން ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕުން ވަނީ ހާމަކޮށްފައެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ގައުމީ އިންތިޚާބުތަކުގައި ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ސިފައިންގެ ގާނޫނަށް ހުށަހަޅާ އިސްލާހަށް ތާއީދުކުރަން ނިންމީ ގައުމީ މަސްލަހަތުގައި ކަމަށެވެ.
ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަކީ ޑިމޮކްރެސީއާ ދުރުވުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ