ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: އޮބްޒާވަރަކަށް ވާން އެކަކުވެސް ކުރިމަތި ނުލި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އޮބްޒާވަރުންނަށް އެކަކުވެސް ކުރިމަތިލާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނީ އަންނަ މަހު 5 ވަނަ ދުވަހުގައި ބާއްވާ ބައި އިލެކްޝަނުގެ އޮބްޒާވަރުން, މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި އަދި އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހުން މިއަދު މެންދުރުފަހު 03:00 އާ ހަމައަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުން އޮންނާނީ ފެބްރުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހެނީ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
ބައި އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުންގެ އިންތިހާބާ ބެހޭ މަރުކަޒުގައި މިދިޔަ މހަު 30 ވަނަ ދުވަހުގެ ބޭއްވި ގުރުއަތުލުމުގައި ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރާޝިދު އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވި އިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަބްދުލް ހަންނާން އިދުރީސް އަށެވެ.
އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ އެދާއިރާގައި ހިމެނޭ ކޮމަންޑޫގައި ދެ ވޯޓު ފޮއްޓާއި ފޯކައިދޫގައި ދެ ވޯޓު ފޮށީގެ އިތުރުން މަރޮށީގައި އެއް ފޮށި އަދި މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ