ލީކުވި އޯޑިއޯތަކުން، އަޑު ދިމާވަނީ ގާޒީ ފާއިޒުގެ އެކަނި: ޖޭއެސްސީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށްބުނެ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެެވެ.ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ފުލުހުން ފޮނުވާފައިވާ ކަމަށެވެ.ޖޭއެސްސީން ބުނީ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އާއި މަހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ."ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް އެ އޯޑިއޯ ގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް ހަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ، ގާޒީ އަލްއުސްތާޒު ހުސައިން ފާއިޒު ރަޝާދު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރުކުރިކަމުގައިވިޔަސް، މިމައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރުމަށް ނިންމާ ތަހުގީގު ކޮމިޓީއެއް މިހާރުވަނީ އެކުލަވާލެވިފައެވެ،" " އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން މިކޮމިޝަނުން ފާހަގަކުރަމެވެ." ޖޭއެސްސީން ރޭ ނެރުނު ބަޔާނުގައިވެއެވެ.ކޮމިޝަންގެ ބަޔާން ނިންމާލާފައިވަނީ ޞައްޙަ ނޫން އޯޑިއޯތަކެއް ހަދާ ފަނޑިޔާރުންގެ މައްޗަށް ދޮގު ތުހުމަތުކޮށްފައިވާތީ އެކަން ކުޢްވެރިކުރަމުންނެވެ. އަދި ފަނޑިޔާރުންނާއި ގުޅޭ ގޮތުން ލިބޭ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މީޑިއާތަކުން ނުގެނެސްދިނުމަށް އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ