ފަލަސްތީނު އާއިލާއެއް ޝަހީދު ކޮށްލި މައްސަލައިގާ އިޒްރޭލު ދެމީހެއްގެ މައްޗަށް ދައުވާ ކުރަނީ

މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ފަލަސްތީނުގެ ވެސްޓު ބޭންކް ސަރަހައްދުގައި އިސްރާއިލުން ދިން ހަމަލާއެއްގައި ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމައާއި ބައްޕަ ޝަހީދުވި މައްސަލައިގަ އިސްރާއިލް ދެ މީހެއްގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ އިސްރާއިލްގެ ޕްރޮސިކިއުޓަރުން އުފުލައިފި އެވެ.
އިސްރާއީލްގެ ޕްރޮސިކިއުޓަރުންނާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ ދައުވާ އުފުލާފައި ވަނީ އުމުރުން 21 އަހަރުގެ މީހަކަށާއި އުމުރުން 20 އަހަރުގެ މީހެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރެއިން 21 އަހަރުގެ މީހާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާއިރު 20 އަހަރުގެ މީހާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާގެ އިތުރުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި ކަމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.
ވެސްޓް ބޭންކްގައި ދިރިއުޅޭ ފަލަސްތީން އާއިލާއެއްގެ ގޭގައި ހުޅުޖެހި ހާދިސާގައި 18 މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މަންމަ ވަނީ ޝަހީދުވެފަ އެވެ. އަދި އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ތުއްތު ކުއްޖާގެ ބައްޕަ ވެސް ވަނީ ޝަހީދުވެފަ އެވެ.
އެ ހާދިސާގައި ސަލާމަތްވީ ތުއްތު ކުއްޖާގެ ހަތަރު އަހަރުގެ ބޭބެ އެކަންޏެވެ. އޭނާއަށް ލިބުނު ޒަހަމްތަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ މިޑިއާ ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާއަށް ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރު ދަށް ކަމަށްބުނެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ