ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް ދާނީ ތިންވަނައަށް - އިލްހާމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނަކާއި ނުލާ ޕީޕީއެމް ވަކިން ނިކުމެއްޖެނަމަ އެޕާޓީ ދާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 3 ވަނަ އަށް ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ކެމްޕެއިން ޓީމުގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގެމަނަފުށި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އިލްހާމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އުމަރު ނަސީރު ނުވަތަ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިކުމެ ވަޑައިގެންނެވި ނަމަވެސް ޕީޕީއެމްއަށް ފުރަތަމަ ބުރުން ލިބޭނީ ތިން ވަނަ ކަން އެއީ ވަރަށް ސާފު ކަމެއް ކަމަށެވެ.
ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސްކަން ވެސް ކުރައްވާ އިލްހާމް ވިދާޅުވީ 2008 ވަނަ އަހަރު ފުރަތަމަ ބުރުން ރައީސް މައުމޫނަށް 88،000 ވޯޓު ލިބިފައިވަޑައިގެންނެވިއިރު މިއަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ދާން ބޭނުންވާނަމަ ޕީޕީއެމް ކެންޑިޑޭޓަށް 72،000 ވޯޓު ލިބެން ޖެހޭ ކަމަށެވެ.
"ރައީސް މައުމޫންގެ ރަން 30 އަހަރެއްގައި ވެރިކަންކޮށްފައި އޭރު ފުލުހުންނާއި ސިފައިން އާރާ ބާރާއި އޮތްއިރު އޭރު ރައީސް މައުމޫނަށް ލިބުނީ، 88،000 ވޯޓު، މިފަހަރު ދެވަނަ ބުރަށް ދިއުމަށްޓަކައި އެބަ ބޭނުންވޭ 72،000 ވަރަކަށް ވޯޓު، ސުވާލަކީ އުމަރު ނަސީރު ނިކުމެ ވަޑައިގެން މި އަދަދު ލިބިދާނެތޯ، ނުލިބޭނެ، އަބްދުﷲ ޔާމީން ނިކުމެ ވަޑައިގެން ލިބިދާނެތޯ، ނުލިބޭނެ، ދެން ކިހިނެއްތޯ އަޅުގަނޑުމެން މި ވޯޓު ނެރޭނީ މިއީ ސުވާލަކީ، ސުވާލަކީ ދެވަނަ ބުރަށް ދާން މިދެބޭފުޅުންނަށް ވޯޓު ލިބޭނެހޭ، ނުލިބޭނެ، ޕީޕީއެމް ދާނީ ތިނަކަށް." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ޕީޕީއެމް ދެވަނަ ބުރުން ޖާގަ ހޯއްދަވަން ބޭނުންވާނަމަ ކޯލިޝަނެއް ހަދަން ޖެހޭ ކަމަށާއި އުމަރު ނަސީރާއި ގުޅުނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ވާހަކަ ދެއްކުމަށްފަހު އެޕާޓީތަކުން އުމަރާއި ތާއީދުކުރައްވާތީ ކަމަށެވެ.
އަދި ހުރިހާ ޕާޓީތަކުން ވެސް ޔާމީނާއި އެކީގައި ވަޑައިނުގަންނަވާނެ ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
"އިލްހާމް އަހުމަދު އުމަރު ނަސީރާއި ގުޅުނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ވާހަކަ ދައްކާފައި އެމީހުން އުމަރު ނަސީރަށް ތާއީދުކުރާތީ، އަޅުގަނޑުމެންގެ އަނެއް ކެންޑިޑޭޓު އަބްދުﷲ ޔާމީނާއި އެކީގައި ވަޑައިނުގަންނަވާނެ ކަމަށް ފާޅުގައި ވިދާޅުވަމުން އެގެންދަނީ އުމަރަކީ އަޅުގަނޑުމެންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ބޭފުޅެއް. ތާއަބަދު އެއްގޮތަކަށް ހުންނަވާ ބޭފުޅެއް. ދަތުރުކުރާނީ އެއް މަންޒިލަކަށް. ކަސިޔާރު ވެގެން ދަތުރުކުރާ މަންޒަރެއް ނުފެންނާނެ. ހޭރިޔާ ކުރަމުން ދަތުރުކުރަމުންދާ މަންޒަރެއް ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހިމް އާއި އައްބާސް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ