އަޅުގަނޑު ޕީޕީއެމްގެ ޓިކެޓް ހޯދަނީ މީހުންނަށް ބަހާކަށް ނޫން - އުމަރު

ޕީޕީއެމްގެ ރިޔާސީ ޓިކެޓު އުމަރު ނަސީރު ހޯއްދަވަނީ މީހުންނަށް ދޭން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު ހަދަމުންދާ ކަމަށް ވިދާޅުވެ މީގެކުރިން އުމަރު ނަސީރު އަމިއްލަފުޅަށް ދެއްކެވި ވާހަކަތައް އެއީ ބަޔަކު ހަދައިގެން ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެބޭފުޅާ ކޯލިޝަން ހެއްދެވުމުގެ މުހިންމުކަމުގެ ވާހަކަ ދައްކާތީވެ އެބޭފުޅާ ޓިކެޓު ހޯއްދަވަނީ އެހެން މީހަކަށް ދޭން ކަމަށް ވާދަވެރިން ބުނަމުންދާ ކަމަށެވެ.
މީގެކުރިން ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ޓިކެޓު ލިބިވަޑައިގެންނެވި ކަމުގައިވިޔަސް ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރު ރޭ ވިދާޅުވީ އެބޭފުޅާ ޓިކެޓު މީހަކަށް ދީފާނެ ކަމަށް ތުހުމަތު ކުރައްވާ ބޭފުޅުން ޕީޕީއެމްގެ އަސާސީ ގަވައިދު ކިޔުއްވުމުން އަސާސީ ގަވައިދު އޮތް ގޮތުން ޓިކެޓު އެހެން މީހަކަށް ނުދެވޭނެ ކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އުމަރު ޓިކެޓު ހޯއްދަވާފައި އެހެން މީހަކަށް ދޭނެ ކަމަށް ބުނެ ބަޔަކު ދޮގު އެސްއެމްއެސްތަކެއް ވަގު ސިމްތަކަކުން ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާ އެކަންތައް ހުއްޓާލުމަށް ވެސް ރޭ އުމަރު ގޮވާލެއްވި އެވެ.
"އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ ތިބޭފުޅުން ޕީޕީއެމްގެ އަސާސީ ގަވައިދު ކިޔުއްވާށޭ، ޕީޕީއެމްގެ އަސާސީ ގަވައިދު އޮންނަ ގޮތުން ޕީޕީއެމް ކެންޑިޑޭޓަކަށް އެ ޓިކެޓު އެހެން މީހަކަށް ނުވެސް ދޭވޭނެ، ނުވެސް ވިއްކޭނެ، އެއީ އަޅުގަނޑުމެންގެ އަސާސީ ގަވައިދު އޮތް ގޮތް،  އަސާސީ ގަވައިދު އޮތް ގޮތް، އެހެންވީމަ ކޮންމެހެއްނ އަޅުގަނޑުމެންގެ މެންބަރުންނަށް އޮޅޭ ގޮތަށް އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ ޓިކެޓު ހޯދާފައި އެހެން މީހަކަށް ދޭންށޭ، ވިއްކަންށޭ ކިޔާ ދޮގު އެސްއެމްއެސްތައް އަޅުގަނޑުމެންގެ މެންބަރުންނަށް ވަގު ސިމްތަކުން ނުފޮނުވާށޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެބޭފުޅާއަކީ ތަބަކަށްލާފައި އެއްޗެހި މީހުންނަށް ދިނުމާއި އެންމެ ދެކޮޅު ހައްދަވާ ބޭފުޅާ ކަމަށާއި އެހެންވީމަ ޓިކެޓު ލިބުނަސް އެއްވެސް މީހަކަށް ތަބަކަށްލާފައި ޓިކެޓު ނުދެއްވާނެ ކަމަށެވެ.
“އެކަމަކު އަޅުގަނޑު މިހުރީ ކޯލިޝަން ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ސިޔާސީ ބަދަލުތަކެއް ގެންނަން ތައްޔާރަށް، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން، ދިވެހި ރާއްޖޭގެ ވެރިކަމަށް ޕީޕީއެމް 2013 ގައި އަންނާނީ ފުޅާ ކޯލިޝަނެއްގެ ދަށުން، އެހެންވީމަ އަޅުގަނޑު ޕީޕީއެމް މެންބަރުންނަށް ދޭ ޔަގީން ކަމަކީ އަޅުގަނޑު ޕީޕީއެމް ޓިކެޓު މިދެނީކީ މީހުންނަށް އެ ބަހާކަށް ނޫނޭ، ތިބޭފުޅުންގެ ޕާޓީ މިގައުމުގެ ވެރިކަމަށް ގެނެސް މުހައްމަދު ނަޝީދު މިގައުމުގެ ކުޑަ ގޮޅީގައި ބައިންދަންށޭ އަޅުގަނޑު ޓިކެޓު މި ހޯދަނީ.” އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަބްދުﷲ ޔާމީން އާއި އެކީގައި އެއްވެސް ސިޔާސީ ޕާޓީއެއް ކޯލިޝަން ނުހައްދަވާނެ ކަން އެއީ ޔަގީން ކަމެއް ކަމަށާއި ނަމަވެސް އުމަރާއި އެކީގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ކޯލިޝަން ހައްދަވަން ތައްޔާރަށް ތިއްބެވި ކަމަށެވެ.
ޓިކެޓު އެއްވެސް މީހަކަށް ތަބަކަށްލާފައި ނުދެއްވާނެ ކަމަށް ރޭ އުމަރު ވިދާޅުވިއިރު މީގެކުރިން ޖަލްސާ ތަކުގައި  އާއި ބައެއް މީޑިއާތަކުގައި އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމް ޓިކެޓު ލިބިވަޑައިގެންނެވި ނަމަވެސް ފަހަތަށް ޖެހިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެގޮތުން ދިޓީވީގައި ވާހަކަދައްކަވަމުން އުމަރު މީގެކުރިން ވިދާޅުވެފައިވަނީ އެބޭފުޅާއަށް ޓިކެޓު ލިބިވަޑައިގެންނެވި ކަމުގައިވިޔަސް އެހެން ބޭފުޅުންގެ ރަނިންގ މޭޓަކަށްވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އަދި އެގޮތަށް ކަންތައް ކުރަން އަސާސީ ގަވައިދު ތަން ނުދޭ ކަމަށް ސުވާލުކުރުމުން އުމަރު ވިދާޅުވީ ކައުންސިލަށް ހުށަހަޅައިގެން ކައުންސިލުން އަސާސީ ގަވައިދު އިސްލާހް ކުރެވޭނެ ކަމަށެވެ.
ޓިކެޓުގެ މައްސަލައިގައި އާންމުކޮށް އުމަރު ވާހަކަދައްކަވާފައި މިވަނީ ޓިކެޓު ލިބިވަޑައިގެންފި ނަމަ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވަމުން ގެންދިއުމުން ޕީޕީއެމް އާންމު މެންބަރުންނާޢި ހާއްސަކޮށް ޔަގީން ޓީމުގެ ފަރާތުން އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ބުނެ އުމަރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ