'އޮޅުވާލި ކަރަންޓް، ފޮރުވާލި ސަބްސިޑީ' މުޒާހަރާ

އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލެއް ނުލިބިގެން އުޅެނިކޮށް ކަރަންޓު ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ މައްސަލައިގައި މުޒާހަރާކުރަމުން އެބަގެންދެއެވެ.
'އޮޅުވާލި ކަރަންޓް، ފޮރުވާލި ސަބްސިޑީ' މި ނަމުގައި ކުރަމުންދާ މުޒާހަރާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންގެ އިސްތިއުފާ އަށާއި ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ގޮވާލަމުންނެވެ.
މި މުޒާހަރާގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން ސ.މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ވެސް ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގައި އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިން ވާހަކަ ދައްކަމުން ދާއިރު އެބޭފުޅުން ވަނީ ކަރަންޓު ބިލްތަކުގެ މައްސަލައިގައި އަނިޔާ ލިބެމުން ދަނީ ހަމައެކަނި ވިޔަފާރިވެރިންނަށް ނޫން ކަމަށާއި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ލިބެންވާ ސަބްސިޑީ ނުދީ މިސަރުކާރުން އޮޅުވާލަމުން ގެންދާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ ފެނަކަ ކޯޕަރޭޝަނުގެ އިމާރާތުގެ ވަށައި ހަރަކާތްތެރިވަމުންނެވެ.
އައްޑޫ ރައްޔިތުންނާއި މެދު ނުޙައްޤުން ތަފާތު ކުރުންތައް ގެންގުޅެމުންދާ މައްސަލަ ވިޔަފާރިވެރިންގެ ފަރާތުން އެޗްއާރްސީއެމް އަށް ހުށަހަޅާފައިވާ ކަމަށް މުޒާހަރާގައި އިއުލާންކޮށްފައި ވާއިރު ، އެންޓި ޓޯޗާރ ގާނޫނުގެ 10 ވަނަ މާއްދާގެ 5 ގައި ބުނެފައި ވަނީ ދެ މީހެއްގެ ދެމެދުގައި ތަފާތެއް ކުރުމަށް ގާނޫނުގައި ހުއްދަކޮށްފައި ނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް، ދެ މީހެއްގެ ދެމެދުގައި، އެއްވެސް ބާވަތެއްގެ ތަފާތެއް ކުރުމަކީ ޓޯޗާރ (އަނިޔާއެއް ) ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ