ދަ ވީކްގެ ރިޕޯޓަށް މައުމޫނާއި ޔާމީން ރައްދު ދެއްވައިފި

އޯޕެކްގެ ބައެއް ގައުމުތަކުން ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ދޭ ކަމަށާއި އެ ތެޔޮ ބަރުމާގެ ކަޅު ބާޒާރަށް ވިއްކައިގެން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ބަރުމާގެ އަސްކަރީ ސަރުކާރާ އެކު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް އާއި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ކޮށްފައިވާ ކަމަށް އިންޑިޔާގެ ހަފުތާ މަޖައްލާ، ދަ ވީކްގައިވާ ތުހުމަތުތަކަށް މައުމޫން އާއި ޔާމީން މިއަދު ރައްދު ދެއްވައިފި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ނެރޭ ދަ ވީކް މަޖައްލާގައި ރިޕޯޓަރު ސުމަން ޗަކްރަބަނީ ލިޔުއްވާފައިވާ، ރިޕޯޓަށް ހަވާލާދީ ޔާމީން މިރޭ ވީ ޓީވީގައި ވިދާޅުވީ އޯޕެކުން އޭރު ވިޔަފާރި ކުރަމުން އައީ ވަރަށް މަދުން ކަމަށާއި އޯޕެކުން އެއްވެސް އިރެއްގައި އެސްޓީއޯ އަށް ތެލުގެ ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ގަނެފައި ނުވާނެ ކަމަށެވެ.
ދަވީކްގެ ރިޕޯޓުގައި ބުނެފައިވަނީ އެސްޓީ އޯގެ ފަރާތުން 2004 ވަނަ އަހަރުގެ ތެރޭގައި މޯކަމް ޕުރައިވެޓް ލިމިޓެޑާ އެކު ތެޔޮ ގަނެ ވިއްކުމުގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދާފައިވާ ކަމަށާއި އެ ކުންފުނިން ވަގަށް ބަރުމާގެ ކަޅުބާޒާރަށް ތެޔޮ ވިއްކާފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ނަމަވެސް އެ ކުންފުނިން ކުރާ ހުރިހާ މުއާލަލާތްތަކެއް ނޭނގޭ ކަމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމުގެ ޒިންމާ ވެސް ޗެއާމަން ނަންގަވަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވިޔަފާރި ކުންފުންޏަކުން ދަ ވީކްގައި ތުހުމަތުކޮށްފައިވާ ފަދަ ވަގު ވިޔަފާރިތަކެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ވިޔަފާރިއެއް ކޮށްފައިވާ ނަމަ މިހާރު އެސްޓީއޯގައި ތިއްބެވި ބޭފުޅުންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ.
"ބައިވަރު ސަބް ކުންފުނިތަކެއް އެސްޓީއޯގެ ދަށުގައި ހެދިފައި ހުންނާނެ. ކޮންމެ ކުންފުންޏެއްގައި ވެސް ތިއްބަވާނެ ޑިރެކްޓަރުންނާއި ބޭބޭފުޅުން. އަޅުގަނޑު އެސްޓީއޯގެ ޗެއާމަން އަށް ވިޔަސް އެކުންފުނިތަކުގެ ފައިސާ އާއި އެކުންފުނިތަކުން ކުރާ ވިޔަފާރީގެ އެއްވެސް ކަމެއް އަޅުގަނޑުގެ ބޮލުގައި އަޅާކަށް ނުޖެހޭނެ. އެކަމުގެ ޒިންމާ ނަގާނީ އެ ކުންފުންޏެއްގެ ބޯޑުގެ ބޭފުޅުން. އަޅުގަނޑަށް ޔަގީން އެފަދަ ވަގުވިޔަފާރިތަކެއް ނުކުރާނެ ކަން. ކުރިއަސް އަޅުގަނޑުގެ ބޮލަކު ނޫނީ އަޅުގަނޑުގެ އެކައުންޓަކަށް އެ ފައިސާއެއް ނާންނާނެ،" ޔާމީން ވިދާޅުވި އެވެ. "މިހާރުގެ ބޯޑުގައި އެތިބީ ހުސް އެމްޑީޕީ މީހުން. އައްސަވަން ވީނުންތޯ އެބޭފުޅުން ކައިރިން. އެބޭފުޅުންނަށް ހަމަ ގައިމު ވެސް އެކަން އެނގޭނެ،"
އެހެންނަމަވެސް ޔާމީން ވިދާޅުވީ އެފަދަ ކުންފުންޏެއް ހެދުމަށް ހުއްދަ ދެއްވި ކަމަށާއި އެކަމަކު އެއީ ކޮން ގައުމެއްގައި ރަޖިސްޓްރީ ކުރި ކުންފުންޏެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މޯކަމް އަކީ މިހާރު ވެސް ހިނގާ ކުންފުންޏެއް ކަމަށާއި އެއީ ވަކި ގާނޫނީ ސަހުސަކަށްވުމުން އެއީ އެސްޓީއޯގެ ވިޔަފާރިއެއް ނޫން ކަމަށެވެ.
"ސީދާ ޔާމީން އާ އެކަމާ ގުޅުވަން ޖެހޭ ސަބަބެއް ނެތް. އެއީ އެސްޓީއޯގެ ވިޔަފާރިއެއް ވެސް ނޫން. އެއީ ވަކި ގާނޫނީ ސަހުސެއް. އެ ކުންފުނީގެ ޗެއާމަން އަށް އިނގޭނީ ކުރާނެ ވިޔަފާރި އަކާއި ކުރެވޭ މުއާމަލާތްތައް ވެސް.... އޭގެ ކޮންމެ ކުންފުންޏަކީ ވެސް އޯޑިޓް ކުރާ ކުންފުންޏެއް،" ޔާމީން ވިދާޅުވި އެވެ.
ދަ ވީކްގައިވާ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ މިޔަންމާގެ މީހަކާއި މެލޭޝީޔާގެ މީހެއްގެ އިތުރުން އެސްޓީއޯގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. އަދި އެ ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އެސްޓީއޯގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ސަނާ މަންސޫރާއި ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފާތިމަތު އަސާން ކަމަށް ވެސް އެ މަޖައްލާ ބުނެ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް އެ ބޯޑުގައި އަހުމަދު މުނީޒް ކިޔާ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ދަ ވީކްގައިވެ އެވެ.
ނަމަވެސް ވީކްގެ އެ ލިޔުމުގައި އެބޭފުޅުން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ކީއްވެގެން ކަމެއް އަދި އެ 800 ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ގޮތުގެ ތަފްސީލްތަކެއް ނެތެވެ.
ބަރުމާގެ އަސްކަރީ ލީޑަރުންނާއި އަދި ވިޔަފާރިވެރިންނާ ވެސް ރައީސް މައުމޫނާއި ޔާމީން ގާތްގުޅުންތަކެއް ބާއްވަވާ ކަމަށް އިންޑިޔާގެ ވީކްގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ވީޓީވީގެ ޕުރޮގްރާމްގައި ޔާމީން ވިދާޅުވީ ބަރުމާގެ ސަރުކާރާ އެކު މަޝްވަރާތަކެއް ކުރެއްވީ ވެސް އެންމެ ފަހަރަކު ކަމަށާއި އެއީ ރާއްޖެއަށް ހަނޑުލުގެ ދަތިތަކެއް ދިމާވެގެން އެކަން ހައްލުކުރުމަށް ކަމަށެވެ. ޔާމީން ވިދާޅުވީ އޭގެފަހުން އެއްވެސް ދަތުރުފުޅެއް ވެސް އަދި ވާހަކަތަކެއް ވެސް ބަރުމާ ސަރުކާރާ އެކު ނުދައްކާ ކަމަށެވެ.
މައުމޫންގެ ރަސްމީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނަކީ އެއްވެސް ވިޔަފާރިއެއް، ވެރިކަމުގައި ހުންނެވި އިރު ވެސް އަދި އޭގެ ފަހުން ވެސް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ބުނެފައި ވަނީ ބަރުމާގެ އަސްކަރީ ސަރުކާރުގެ އެއްވެސް ބޭފުޅަކު ރަސްމީ ސިފައެއްގައި ވެސް އަދި އެނޫން ހައިސިޔަތަކުން ވެސް މައުމޫން ދެނެވަޑައި ނުގަންނަވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ "ދަ ވީކް" މަޖައްލާ އާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ގެނެސްފައިވާ ހަބަރުތަކުގައި މައުމޫން ވިޔަފާރި ކުރެއްވި ކަމަށާއި އެ މަނިކުފާނު ވިޔަފާރީގައި ހިޔާނާތްތެރިވެފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކީ އޭގައި "ކުޑަ ވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން" ކަމަށާއި "އެ ލިޔުމުގައި އެމަނިކުފާނަށް އަމާޒުކޮށް ކޮށްފައިވާ ތުހުމަތުތަކީ ރޯ ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށެވެ.
ޔާމީން މިރޭ ވީ ޓީވީގައި ވިދާޅުވީ އޭނާ އެފަދަ ބޮޑު ހިޔާނާތެއްކޮށްފައިވާ ނަމަ އެކަން ތަހުގީގު ކޮށްދެއްވަމަށް ފުލުހުންނަށް ގޮވައިލާ ކަމަށެވެ. އަދި ވިދާޅުވީ ކިތަންމެ ވަރަކަށް ތަހުގީގު ކުރިއަސް މި ސަރުކާރަށް އޭނާގެ މައްޗަށް ކޮރޮޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ