ކޮންގްރެސް ޕާޓީ އުފެއްދުމުގައި ހުރަސް އަޅައިގެން ނުވާނެ: ގާސިމް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމުގައި ހުރަސް ނޭޅުމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖޭޕީއާއި ގުޅިވަޑައިގަތުމަށް އެ ޕާޓީގެ މައި އޮފީހުގައި ކުރިއަށްދިޔަ ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީންއަށްވެސް ހަމަހަމަ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެކަމަށެވެ. އަދި އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން ޕާޓީއެއް އުފެއްދުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެއްވެސް ބަޔަކު ހުރަސް އެޅުމަކީ ޤަބޫލު ކުރެވޭނެކަމެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެ ޕާޓީ އުފެއްދުމަށް ދަތިތަކާއި ކުރިމަތި ކުރުވުމަކީވެސް ގަބޫލު ނުކުރެވޭނެ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވީ މި ޤައުމަކީ ވަކި މީހެއްގެ ޤައުމެއް ނޫންކަމަށާއި މި ސަރުކާރުން ބަދަލު ހިފުމުގެ އުސޫލު ގެންގުޅުއްވައިގެން ނުވާނެކަމަށެވެ. ގާސިމް އެފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ ފޯމުތަކަކީ ވަގު ފޯމުތަކެއްކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. އީސީއިން ވަނީ މީގެ ކުރިންވެސް ޕީޕީއެމަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ