އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާއަކީ ޖާއިޒް ފައިސާ ކަމަށާއި އެޔަކު ގާނޫނާ ހިލާފު އެއްވެސް ފައިސާ އެއް ނުހުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 13 ދާއިރާއަކަށް ކަނޑައެޅި ކެންޑިޑޭޓުންގެ ނަން އިއުލާންކުރަން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން އެހެން ވިދާޅުވިއިރު، ފުލުހުން ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުން އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފްރީޒް ކޮށްފައިވާ ކަަމަށް ވެސް ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެކަމަށް ރައްދު ދެއްވާ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓުގައި ހުންނާނީ ޖާއިޒު ފައިސާ ކަމަށާއި އެއީ ދައުލަތުގެ ފައިސާއެއް ނޫން ކަމަށެވެ. އަދި އެހެން މީހެއްގެ ފައިސާއެއް ވެސް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
”މިތާ (އެކައުންޓުގައި) ހުންނާނީ ޖާއިޒް ފައިސާ، މިތާ ހުންނާނީ ސައްހަ ފައިސާ، މިއީކީ ދައުލަތުގެ ފައިސާއެއް ނޫން، މިއީ އެހެން މީހެއްގެ ފައިސާއެއްވެސް ނޫން، އެހެންވީމަ މިތާކު ނުހުންނާނެ ގާނޫނާ ހިލާފް އެއްވެސް ފައިސާއެއް،“
އަދި ވިދާޅުވީ، އެމަނިކުފާނު ހުށައެޅުއްވި މާލީ ބަޔާނުގައި ހިމެނޭ ކޮންމެ އަކުރެއް، ކޮންމެ އަދަދަކަށް ވެސް ޒިންމާ ނަންގަވާނެ ކަމަށާއި އެ މައުލޫމާތު އާންމު ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
“އަޅުގަނޑުގެ އެކައުންޓަށް ވަތް ފައިސާ އަޅުގަނޑަށް އެނގޭނެ، މާލީ ބަޔާނުގައި ލިޔާނީ އަޅުގަނޑަށް އެނގޭ އެއްޗެއް ދެއްތޯ. އޭގައި ނޯންނާނެ ގާނޫނާ ހިލާފު އެންމެ ލާރިއެއް ވެސް.. މާލީ ބަޔާންގައި އޮންނާނީ އަޅުގަނޑު ސޮއިކޮށްފައި އޮތް މާލީ ބަޔާނޭ. ކޮންމެ އަަކުރަކަށް، ކޮންމެ އަދަދަކަށް އަޅުގަނޑު ޒިންމާ އުފުލާނަން،“ ރައީސް ޔާމީން ވިދާޅުވިއެވެ.
އެކައުންޓުގައި ހުންނާނީ ޖާއިޒް ފައިސާ، ތަފްސީލް ހާމަކުރީތީ ހިތާމަކުރަން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ