ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ހޯދުމުގައި ސަރުކާރުގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މިރޭ މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ ރިޟްވާން ހޯދުމުގެ މަސައްކަތް ކުރަމުންދާގޮތް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ވަރަށް ބޮޑަށް މަސައްކަތްކުރަމުންގެންދަވާ[ރިޟްވާން ހޯދުމަށް]. ސަރުކާރުގެ އެއްވެސް ފަރާތަކުން އެކަމުގައި އިހުމާލު ވެފައެއް ނެތް. ވަރަށް ބާރަށް ހަމަ މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެދެނީ އެކަން ހައްލުވެ ވީ އެންމެ އަވަހަކަށް ގަދަވެ ސަލާމަތުން ހުއްޓާ ފެނުން،" މައުމޫނު ވިދާޅުވި އެވެ.
ރިޟުވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެމަސައްކަތުގައި މިހާތަނަށް އެކި ތަންތަން ބަލައިފާސްކޮށް މާއްދީހެކި ހޯދުމަށްނެގިފައިވާ ބައެއް ސާމްޕަލްތައް އިތުރަށް ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސްއާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ ކުދި ޖަޒީރާތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ބެހޭ ގޮތުން ނިންމާ ނިންމުތަކަށް އެކަށީގެންވާ ގޮތައް އަމަލުކުރެވިފައި ނެތްކަން އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ފާހަގަކުރެއްވި ކަމަށެވެ. އަދި އެ އެފަދަ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރާ މިންވަރު ބެލޭނެ މެކޭނިޒަމްއެއް ގާއިމުކުރުމާ ބެހޭ ގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޟްވާން ހޯދުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އިހުމާލެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ